ދުއިސައްތަ ފަނަރަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރ 15 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މި އޮޕަރޭޝަންގައި ނޯތު ޕޮލިސްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ފާހަގަ ކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ