ތިމާ ދިރިއުޅޭ ރަށުގައި އުޟްޙިޔާ ކަތިލުން އަގުބޮޑުކަމުން އެހެން ރަށެއްގައި ކަތިލުމަށް ފައިސާ ފޮނުވިދާނެބާ؟

އުޟްހިޔާ ކަތިލުމާބެހޭގޮތުން އެނގުން މުހިންމު ކަންކަން‍‍- 4 
 
އަޅުގަޑުމެން ރަށުގައި އުޟްޙިޔާ ކަތިލުމަކީ ވަރަށް އަގުބޮޑު ކަމެކެވެ. އެހެންކަމުން، ތަންކޮޅެއް އަގުހެޔޮކޮށް ކަތިލެވޭ ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމަކީ ކޮންކަހަލަ ކަމެއްތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ސުންނަތް ގޮތަކީ ކޮންމެ މުސްލިމަކުވެސް އެމީހަކު ހުރި ރަށެއްގައި އުޟްޙިޔާކަތިލުމެވެ. އެހެންގައުމެއްގައި ކަތިލުމުން ވަރަށް ބައިވަރު މަޞާލިޙްތަކެއް ގެއްލިގެން ދެއެވެ. އޭގެ ތެރޭގައި:
1. ތިމާ ދިރުއުޅޭ ގައުމުގައި ﷲ ގެ ޝިޢާރުފާޅު ކުރުމުން ދުރުހެލިވެވުން.
2. ބޮޑަށް ސުންނަތްވެގެންވާ ގޮތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އަތުން އުޟްޙިޔާ ކަތިލުމެވެ. އެހެންގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމުން އެސުންނަތް އަދާ ނުކުރެވުނީއެވެ. 
3. އުޟްޙިޔާ ކަތިލުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ޖެހެއެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލާކަމަށްވަނީނަމަ ކަތިލާމީހުން ﷲ ގެ އިސްމުފުޅު ކީކަމެއް ނުވަތަ ނޫންކަމެއް ނޭގޭނެއެވެ. ނަމަވެސް ތިމާގެ އަމިއްލަ އަތުން ކަތިލާނަމަ އެކަން ޔަގީންވާނެއެވެ.
4. އުޟްޙިޔާގެ ގޮތުގައި ކަތިލާ އެތިން އެތިކޮޅެއް ކެއުމަކީ ސުންނަތެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ އެސުންނަތް އަދާ ނުކުރެވުނީއެވެ. ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ‌) މާނައަކީ: " ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިحال ގައިވާ فقير ންނަށް (އެއިން) ކާންދޭށެވެ!" ހަމަ އެސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ‌ ) މާނައަކީ: " ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقير ންނަށްވެސް އެއިން ކާންދޭށެވެ!" 
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ އިން ޞަދަގާތް ކުރުން ވާޖިބުވާ ފަދައިން އެއިން ކެއުމަކީވެސް ވާޖިބު ކަމެކެވެ. އެހެންގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ މިކަމުން މަޙްރޫމްވާނެއެވެ.
6. އެހެން ގައުމެއްގައި ކަތިލުމުން އުޟްޙިޔާ ބަހަން ޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ބެހުމުގެ ފުރުޞަތު ބޮޑެވެ. އުޟްޙިޔާ އިން އެއްބައި ކައިފައި އަނެއްބައި ރަށްޓެހިންނަށް ހަދިޔާކޮށްފައި، އަނެއްބައި ފަގީރުންނަށް ޞަދަގާތް ކުރަން ޖެހެއެވެ. ބޭރުގައުމެއްގައި ކަތިލައިފިނަމަ އުޟްޙިޔާ ބެހިގެންދަނީ ކޮންގޮތަކަށް ކަމެއް ތިމާއަކަށް ނޭގޭނެއެވެ.
7. އެހެން ގައުމެއްގައި ކަތިލާނަމަ، އުޟްޙިޔާ ކަތިލެވެނީ އެންމެ ރަގަޅު ގޮތަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭނެއެވެ.  ފަހަރުގައި ޢީދު ނަމާދަށްވުރެ ކުރިންވެސް ކަތިލަފާނެއެވެ. ނޫންނަމަ އައްޔާމުއްތަޝްރީގު ތިންދުވަސް ފަހުންވެސް ކަތިލަފާނެއެވެ. ނޫންނަމަ ބިސްމިﷲ ނުކިޔާވެސް ކަތިލަފާނެއެވެ. ނަމަވެސް ތިމާ އަމިއްލަ އަށް ކަތިލާނަމަ މިހުރިހާ ޝައްކާއި ވަހުމް ތަކުން ސަލާމަތްވީއެވެ.
މި ސަބަބު ތަކަށް ޓަކައި އުޟްޙިޔާ ކަތިލަންވާނީ އެމީހަކު ދިރިއުޅޭ ރަށެއްގައެވެ. ﷲ ތަނަވަސްކަން ދެއްވާފައިވާ މީހުން ކަތިލާނީއެވެ. ތަނަވަސްކަން ނެތްނަމަ ކަތިނުލާނީއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ