ކުނަހަންދޫ ސްކޫލް އިމާރާތް ބާވެ، ޝަކުވާ ގިނަވެއްޖެ

ލ. ކުނަހަންދޫގެ ސްކޫލް އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. އެ ސްކޫލަކީ ގުރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ލިރުގާމް ސައީދު ވިދާޅުވީ، ސްކޫލްގެ އިމާރާތުގެ ހާލަތު ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ކްލާސްރޫމް ތަކުގެ ދޮރާއި ކުޑަ ދޮރުތައް ވެސް މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. ދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ވެސް ހުރީ ތެޅިފަ ކަމަށް އޭނާ ވިދާޅުވި އެވެ.
ލިރުގާމް ވިދާޅުވީ، 109 ދަރިވަރުން މިހާރު ތައުލީމް ހާސިލުކުރަމުންދާ އެ ސްކޫލްގެ އިމާރާތުގެ ފެންވަރު ދަށްވެފައިވަނީ މަރާމާތު ނުކުރާތާ ގިނަ ދުވަސްވުމުން ކަމަށެވެ. އެންމެ ފަހުން ކޮށްފައިވާ މާރާމާތަކީ ޓިނު ބަދަލު ކުރުން ކަމަށެވެ.
"އޭގެ ފަހުން އިތުރު މަރާމާތެއް ނުކުރޭ، ދެ ތިން ފަހަރަކު އެ މަސައްކަތް ކުރުމަށް އިއުލާންކޮށް ބަޔަކާ ހަވާލުކުރާ ހިސާބަށް ވެސް ދިޔަ، އެކަން ހުއްޓިފައި އޮތީ،" ލިރުގާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލްގެ ކޮމްޕިއުޓާ ލެބް ވެސް ހަލާކުވެފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު ޓީޗަރުންގެ ވެއިޓިން ރޫމްގައި ވެސް ޖާގަ ކުޑަވެފައިވާ ކަމަށެވެ. އެ ސްކޫލްގައި ބިދޭސީ ހަތް ޓީޗަރަކާއި ހަތަރު ދިވެހި ޓީޗަރަކު މަސައްކަތް ކުރެ އެވެ.
"ސްކޫލް އޮންނަ ހާލަތުން މިހާރު ކިޔަވަންދާ ދަރިވަރުން ކިޔަވާ ހިތެއް ވެސް ނުވޭ، ވަރަށް ފެންވަރު ދަށްކޮށް ސްކޫލް އޮތީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ