ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެވަނީ މިހާރު އޮތް ޕީޕީއެމްގެ ސަރުކާރާއި ދެކޮޅުކަން ހާމަކުރައްވާފައިކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިހާރު މުލިއާގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫންގެ ރޭގެ ބަޔާނުން ސަރުކާރާއި ދެކޮޅުކަން އެމަނިކްފާނު ހާމަކުރައްވާފައިވާކަމަށެވެ. އެއީ އޭނާގެ އަމިއްލަ ވިސްނުންކަން ހާމަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން ރޭ ޕީޕީއެމް ބަދުނާމްކޮށް ދެއްވާފައިވާ ބަޔާނަކީ ހަގީގަތެއް ނެތް ބަޔާނެއްކަމަށެވެ.
އަދި އެ ބަޔާނުގައި ސަރުކާރަށް ތުހުމަތުތަކެއްކޮށް، އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭގޮތަށް ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނަށް ބާރުތަކެއް ލިބިވަޑައިގެންފައިވީނަަމަވެސް މައުމޫން ބޭނުންފުޅުހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. އަދި ރޭ މައުމޫން ދެއްވި ސުޓޭޓްމަންޓް ހަގީގަތުގައި ޕީޕީއެމްގެ އޮފީހުގައި ނުދެވޭނެކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވަނީ ރައީސް މައުމޫނަށް ލަފާއެރުވުމަށް ހޮއްވަވާފައިވާ ކޮމެޓީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ހޯމް މިނިސްޓަރުކަމުން ދާދިފަހުން އިސްތިއުފާދެއްވި އުމަރު ނަސީރު އެކޮމެޓީގައި ހިމެނިވަޑައިގަންނަވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
އަބުދުއްރަހީމް ވިދާޅުވީ މައުމޫން ލަފާހޯއްދެވުމަށް އެކުލަވާލި ކޮމެޓީގައި ތިއްބެވީ މުޅިންވެސް ސަރުކާރާއި އިދިކޮޅު މެންބަރުންކަމަށެވެ.
މައުމޫނަށް މަޝްވަރާއެރުވުމަށް އެކުލަވާލި މަޖިލީހުގައި މައުމޫންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފާއި މި ސަރުކާރުން ދާދިފަހުން އިސްތިއުފާ ދެއްވި ހޯމް މިނިސްޓަރު އުމަރު ނަސީރާއި އައިމިނަތު އާތިފާ އާއި މުހަންމަދު ޒުހައިރާއި އައިމިނަތު ނާދިރާއެވެ.
މީގެ އިތުރަށް ޕީޕީއެމްގެ ކަންކަން ޕާޓީގެ ރަސްމީ އޮފީހުގެ އިތުރަށް މެޑަމް ފާތުންގެ އޮފީހުން ކުރައްވަމުން ގެންދަވާތީ ރައީސް މައުމޫން އެކަން ފާހަގަކުރައްވާތީ އަބުދުއްރަހީމް ވަނީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ބޭނުންފުޅުވާ ސިޔާސީ ހަރަކާތް ހިންގުމުގެ ފުރިހަމަ އިހުތިޔާރު އެމަނިކުފާނަށް އޮންނަންވާނެކަމަށެވެ.
ރޭ ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކަންކަން ހިނގަމުންދާގޮތާއިމެދު އާންމު މެންބަރުން ސުވާލް ކުރައްވާކަމަށާ ޕާޓީ ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ މެންބަރުން ސުވާލްކުރައްވާކަމަށެވެ.
ޕާޓީއަށް ސޮއިކުރައްވާ މެމްބަރުންގެ ފޯމުތައް ބަލައިގަނެ، ގޮފިތައް ހަަދައި އަދި ގޮފިތަކަށް އެންގުން އަންގަައި އެހެން އޮފީހެއް ހުރިކަމުގެ ޝަކުވާ އެމަނިކްފާނަށް ލިބެމުންދާކަމަށާ މެންބަރުން ފޮނުވާ ފޯމުތަކާ ލިޔުންތައް ޕާޓީގެ އޮފީހަށް ލިބެމުން ނުދާތީ މެމްބަރުންނާ ގޮފިތައް ރަޖިސްޓްރީ ކުރެވެމުން ނުދާކަމަށް މައުމޫން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލްވުމުގައި އަބުދުއްރަހީމް ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018ގެ ރިޔާސީ ކެނޑިޑޭޓްކަން ދިނުމަށް ގޮވާލާ ތައްޔާރުކުރިކަމަށް ބުނާ ޕެޓިޝަން ލިބިވަޑައިގެންފައިނުވާކަމަށާ އެއީ އުފެދުމުގައިވެސް ބާތިލް ޕެޓިޝަނެއްކަމަށް މައުމޫން ވިދާޅުވެފައިވާތީ އެކަން ކުށްވެރިކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ޕެޓިޝަނެއްގައި ސޮއިކުރުމަކީ އަސާސީ ގަވާއިދާއި ހިލާފުކަމަކަށްނުވާނެކަމަށެވެ.
މީގެ އިތުރަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް މައުމޫނާއި ނުލައި ކާމިޔާބުކުރެވިދާނެތޯ ދެންނެވުން އަބުދުއްރަހީމް ވަނީ ރިޔާސީ އިންތިހާބަކީ އަދި ވަރަށް ދުރުގައި އޮތް އެއްޗެއްކަމަށާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ މައުމޫންގެ އެހީތެރިކަމުގައިކަމަށް އަބުދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މައުމޫން ވަނީ ސަރުކާރާއި ދެކޮޅުކަން ހާމަކުރައްވާފައި: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ