ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމިންގެ މަރާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމިންގެ މަރުގު ހަބަރު ލިބުމުން ޝޮކެއް ލިބިވަޑައިގަތް ކަމަށާއި އޭނާގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރުވެފައިވަނީ ރޭގެ ވަގުތެއްގައި އޭނާ އަށް ތޫނު އެއްޗަކުން ދިން ހަމަލާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޔާމިން ރަޝީދުގެ މެޔާއި ކަރާއި ބޮލަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އޭނާގެ މޭގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ޔާމީން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިން ރޭ ދަންވަރު 2:59 އެހާއިރު އެވެ.
އައިޖީއެމްއެޗުން ބުނެފައި ވަނީ ޔާމިން ހޮސްޕިޓަލަށް ގެނެސްފައި ވަނީ 3:15 އެހާއިރު ކަމަށާއި އޭނަ މަރުވެފައި ވަނީ ފަރުވާ ދެމުންދަނިކޮށް 3:40 އެހައިރު ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރަޢިސް މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ މިމަރުގެ ތަހްގީގު އެންމެ އިންސާފްވެރިކޮށް ފުރިހަމަ ތަހްގީގެއް ކުރުމަށް ގޮވާ ލައްވާފަ އެވެ.
އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މަރުގެ ތަހުގީގު ކުރިއަށް ގެންދަންވާނީ ހުޅުވާލެވިގެން އަދި ބައިނަލްއަގްވާމީ ފަރާތްތައް ބައިވެރިކޮށްގެން ކަމަށެވެ. ޔާމީންގެ ތަހުގީގު އިންސާފުވެރިވާނީ އެގޮތަށް ކުރިއަށް ގެންދެވިގެން ކަމަށްވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ. އަދި ޑރ. ވަހީދު ކުރެއްވި ޓްވިތެއްގައި ވިދާޅުވީ ޔާމީން ރަޝީދުގެ އަނިޔާވެރި މަރާމެދު ކޯފާވާ ކަމަށާއި މި މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރަށް ފުލުހުން ބުނީ ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް އެންމެ މަތީ ދަރަޖައަކަށް ބޭނުންކޮށްގެން ޔާމިންގެ މަރުގެ ތަހްގީގު ކުރާނެ ކަމަށެވެ. އަދި ފުލުފުލުގައި އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަމާ ގުޅިގެން ބަޔަކާ ސުވާލުވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ޓްވިޓާގައި "ބަސްނާހާ ލިޔުންތެރިޔާ"ގެ ނަންދީފައިވާ ޔާމީން ރަޝީދަކީ "ދަ ޑެއިލީ ޕެނިކް"ގެ އެޑިޓަރެވެ. އަދި އޭނާ އަކީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ އަށްވަނަ ދުވަހު، ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާންގެ އެންމެ ގާތް ރަހްމަތްތެރިޔާ އެވެ.
ޔާމިންގެ މޫނުދެއްކުން ހުޅުމާލެ ސަހަރާގައި މިހާރު ކުރިއަށްދާއިރު އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ އަސްރު ނަމާދުގެ ފަހުގަ އެވެ.
ޔާމިންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ