މާލެ އާއި ހުޅުމާލޭގައި ޕްރީ ސްކޫލުގެ ހިދުމަތް ދިނުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހާ ގުޅިގެން މިއަދު މަޖިލީސް ހޫނުވެ، އެތައް ފަހަރަކު ޖަލްސާ މެދުކަނޑާލަން ޖެހިއްޖެ އެވެ.
ޕްރީ ސްކޫލުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ހުށަހެޅުއްވި އިސްލާހުގެ ބަހުސް ހޫނުވީ، އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، އެ އިސްލާހަށް ބަހުސްކުރުމަށް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުއްވުމުގެ ސަބަބުންނެވެ.
ބިލުގެ މައްސަލަ ފުރަތަމަ ނެންގެވި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ އޭނާގެ ދާއިރާގެ ބައެއް ކަންކަން ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހުތައް ބަލައިނުގަތީ، އެއީ އަމިއްލަ ދާއިރާގެ ކަމަކަށްވާތީ އަދި އެއީ އޭނާގެ މަސްލަހަތު އޮތް ކަމެއް ކަމަށް ރިޔާސަތުން ނިންމާފައިވާތީ ކަމަށެވެ.
ވިލިމާލެ އާއި ހުޅުމާލޭގެ ޕްރީ ސްކޫލުގެ ހިދުމަތް ދިނުން އެޑިއުކޭޝަން ދަށަށް ބަދަލުކުރުމަށް ހުށަހެޅުއްވުމަކީ މަހްލޫފުގެ މަސްލަހަތު އޮތް ކަމެއް ކަމަށް އަހްމަދު ވިދާޅުވި އެވެ. އެހެންވެ އެ އިސްލާހު ބަލައިގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މަހްލޫފުގެ ބިލަކީ ގާނޫނު އަސާސީއާ ފުށުއަރާ ބިލަކަށްވުމުން އެ ބިލަށް ބަހުސްކުރެވިދާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ގަބޫލުނުކުރާ ކަމަށެވެ. އެގޮތަށް ނިންމެވީ މަޖިލިސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލުމަށް ފަހު އެވެ.
ނަމަވެސް އޭގެ ކުރިން، ޖަލްސާ ހޫނުވަން ފެށި ވަގުތު ނިޒާމީ މައްސަލައެއްގައި އަލީ ވަހީދު ވިދާޅުވީ މަހުލޫފުގެ އިސްލާހަކީ މަސްލަހަތު ފުށުއަރާ ކަމެއް ނޫން ކަމަށާއި އެގޮތަށް މައްސަލަތު ފުށުއަރާނަމަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންނާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ނިޒާމީ މައްސަލައިގައި ވިދާޅުވީ މަހްލޫފުގެ ބިލަކީ ގާނޫނު އަސާސީގައި ބުނެފައިވާ ހަމަހަމަކަމާއި ތަފާތުނުކުރުން ބަޔާންކުރާ އަދި ހަމަހަމަ ގޮތުގައި ފެށޭ މައުލޫމާތުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ދޭންޖެހޭނެ ކަމަށް ބުނާ މާއްދާތަކާ ހިލާފު ބިލެއް ކަމަށެވެ.
ނިޒާމީ މައްސަލަ ނެގުމުގެ އިތުރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން، އިދާރީ މޭޒު ކައިރި އަށް ވެސް ދެ ފަހަރަކު ދިޔަ އެވެ.
ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުގެ ސަބަބުން ޕްރީ ސްކޫލުގެ ބިލަށް ބަހުސްކުރުމަށް ކަނޑައަޅާފައިވާ އެއްގަޑިއިރުގައި މެމްބަރުންނަށް ބަހުސެއް ނުކުރެއްވުނެވެ. ބިލަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިކަމަށް ރިޔާސަތު ނިންމައި އެޖެންޑާގެ އަނެއް ނަންބަރަށް ދިއުމުން، އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވި އެވެ.
ބިލަށް ބަހުސްކުރުމަށް އެއްގަޑިރު ލިބެން ޖެހޭނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އަދި ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅީ، ރާއްޖޭގައި މިހާރު ދިރިއުޅޭ އަރުމީނިއާގެ އަރުތޫރުގެ ދެބޭންގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވެގެން ބޭރުކޮށްލުމުން ކަމަށެވެ.
މަހުލޫފުގެ ބިލާމެދު ހިޔާލު ތަފާތުވުމުން، ރިޔާސަތުން ނައިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވީ ބިލަށް ބަހުންކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި ބިލު ބަލައިގަތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ނިންމާނީ މެމްބަރުންގެ ވޯޓުން ކަމަށެވެ.
ޕްރީ ސްކޫލް މައްސަލައިގައި މަޖިލިސް ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ