ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 35 ޕަސެންޓާއި 37 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ވޯޓް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ އެމްޑީޕީއަށް ލިބޭނީ 70،000 ނުވަތަ 80،000 ވޯޓް ކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ޕީޕީއެމުން ކޮށްފައިވާ މަސައްކަތްތަކުގެ އަލީގައި ގަބޫލުކުރެއްވޭ ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު 35،000 ވޯޓު އެމްޑީޕީއަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވި ގޮތުގައި އެމްޑީޕީން އިންތިހާބު ކާމިޔާބު ކޮށްފާނެތީ އެއްވެސް ރައްޔިތަކު ކަންބޮޑުވާކަށް ނުޖެހެ އެވެ. އަދި ދެވަނަ ބުރަކަށް ދިޔަ ނަމަވެސް އެހެން ޕާޓީތަކާ ގުޅިގެން ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިއޮތް ހުރިހާ ދުވަސް ވަންދެން އެމްޑީޕީން ވަރަށް މަސައްކަތް ކުރި ތަން. މިއަދު އެމްޑީޕީގެ ކެމްޕެއިން އެވަނީ ޕީކަށް އަރާފަ. އިތުރަކަށް އެމްޑީޕީގެ ފަރާތުން މިރާއްޖޭގައި ކުރާނެ ކެމްޕެއިނެއް ނެތް. އެމީހުންނަށް ކުރެވިދާނެ ތަފާތު ކަމެއް ނެތް. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ މަޑުމަޑުން އެކި އެކި ރަށުގައި އެމްޑީޕީގެ ސަޕޯޓް ދަށްވަމުންދާ ތަން. އެޕާޓީއާ އެކު ކުރިން މަސައްކަތް ކުރަމުން އައި މީސްމީހުން އަޅުގަނޑުމެންނާ ގުޅެމުންދާ ކަން،" ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިންގެ ދުވެލި ބާރުކުރަމުންދާ ކަމަށާއި "ހައުސް ކޯލް"ގެ ނަމުގައި މިއަދު ދޮރުން ދޮރަށް ހަރަކާތްތަކެއް މާލޭގައި ފަށާނެ ކަމަށެވެ. އެގޮތުން، އެޕާޓީގެ ޓީމަށް މަރުހަބާ ކިޔާ ކޮންމެ ގެއަކަށް ސެޕްޓެމްބަރު 7ގައި ބާއްވާ އިންތިހާބާ ޖެހެންދެން ޒިޔާރަތްކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނީ ގިނަވެގެން 35-37 ޕަސެންޓް ވޯޓް: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ