މައުމޫނަށް ވެރިކަން ގެއްލުނީ ޔާމީންގެ ސަބަބުން: ގާސިމް

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވެއްޓުނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށް ވިދާޅުވެ، އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފި އެވެ.
މައުމޫނާއި ގާސިމަށް ފާޑުވިދާޅުވެ ޔާމީން ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއް ލީކްވެފައިވާއިރު، ތ. ގުރައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވަނީ ރައްދު ދެއްވައިފަ އެވެ.
އަމިއްލަ ބޭބެ ބަދުނާމުކޮށް ޔާމީން ވާހަކަ ދެއްކެވިއިރު އޭނާ ކަންތައް ކުރެއްވި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ހެކިވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އެއްވެސް އަހަރަކު ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ޔާމީން ވޯޓް ދެއްވާފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
"[ޔާމީން] ޒާތީ ފިތުނަ ލެއްވީ އަޅުގަނޑަކަށެއް ނޫން. އަމިއްލަ ބޭބެ އަށް. އެކަމުގެ ސަބަބުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން މައުމޫން އެކަހެރިވެވަޑައިގަންނަވަން ޖެހުނީ. އަޅުގަނޑުމެން ކުރިކަމަކާ ހެދިއެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ލީކްވެފައިވާ އޯޑިއޯގައި ގާސިމް ފިނޭންސް މިނިސްޓަރުކަމުގައި ބޮޑު ބަޖެޓެއް ހުށަހެޅި މައްސަލާގައި ވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން ފާޑުވިދާޅުވެފައިވާއިރު، އެކަމަށް ރައްދުގައި ގާސިމް ވިދާޅުވީ އޭނާގެ ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގެންނެވިއިރު، ފަސް ބިލިއަންގައި ހުރި ބަޖެޓް 10 ބިލިއަން އަށް ބޮޑުކޮށްފައިވާނީ އާމްދަނީ ވެސް އިތުރުކޮށްގެން ކަމަށެވެ. އެކަމަށް "ޝުކުރުވެރިކަމުގެ ވާހަކައެއް [ޔާމީނަށް] ދައްކާކަށެއް ނޭނގުނު" ކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު އަހަރުގެ ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކެއް ހިމެނުމުން އެ ފައިސާ ނުލިބޭނެ ކަމަށް މަޝްވަރާ ވެސް ދެއްވި ކަމަށާއި ސިޓީ ވެސް ފޮނުއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ދުވަސްވަރުގައި ރައީސް މައުމޫނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ހުރި ކަމަށާއި ބަޖެޓްގައި ހުރިކަންކަން ނުވީ ވެސް އެހެންވެގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދު މާތާހިރެއް ނުވާނެ ބޭބެ ގައިގައި ކޮޅުފައިން ޖައްސަވާފައި އެ ދުވަހު ނިކަމެތި ހާލަށް މައުމޫން ވައްޓާލައްވާފައި ޔާމިން ނުކުމެވަޑައިގެން މިކަހަލަ ވާހަކަ މީސްމީހުންނާ ދައްކަވައިގެން ޔޫޓިއުބަށާއި ތަންތަނަށް ލައްވާކަށެއް،" ލީކްވެފައިވާ އޯޑިއޯ އަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔޫޓިއުބަކަށެއް ނުލާނަން ވާހަކައެއް. އަޅުގަނޑުމެންނަށް ސީދާ ދަންނަވާލަން ކެރޭނެ."
ގާސިމްގެ ސަން އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި އޭނާ އިނގިރޭސި ބަހުން ދެއްކެވި ވާހަކަތައް ޔޫޓިއުބަށް ލައި އަދި ސޯޝަލް މީޑިއާތަކުގައި ޝެއާކުރަމުންދާތީ އެކަމާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ކޮންމެ ގޮތަކަށް އޯޑިއޯ އާއި ވީޑިއޯ ހެދިޔަސް "ޑަރުވެސް" ހީނުވާ ކަމަށެވެ.
ސަން އައިލެންޑް ރިސޯޓް ހުޅުވި ރަސްމިއްޔާތަކީ މިހާތަނަށް ވެސް ރާއްޖޭގައި ބޭއްވި އެފަދަ އެންމެ ކުލަގަދަ އަދި އެންމެ ބޮޑު ރަސްމިއްޔާތު ކަމަށާއި އޭގެ ފަހުން އެވަރުގެ ރަސްމިއްޔާތެއް އެހެން ބަޔަކަށް ބޭއްވިފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ވާހަކަ ދެއްކިއިރު ބުނި އެއްޗެއް ބަލާނެ ކަމެއް ނެތް. ކަން އެއޮތީ ކޮށްފައިނޫންތޯ؟ ކޮބައިތޯ އެ މީހުން ކޮށްފައި. މީހަކަށް ދޫއޮޅިގެން ވެސް އެއްޗެހި ބުނެވޭ އެހެން ނޫންތޯ؟ އެއީކީ މައްސަލައެއް ނޫން. އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނޫން. އަޅުގަނޑުގެ މާދަރީ ބަހެއް ވެސް ނޫން އެއީކީ. އަޅުގަނޑަށް ކީއްތޯވާނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާއަކީ މާމޮޅު ޅެންވެރިއެއް އަދި ވާހަކަ ދެއްކުންތެރިއެއް ވެސް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ވާހަކަ ދެއްކުންތެރިއެއްތޯ ނުވަތަ އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށްފައި ހުރި މީހަކާ ވެރިކަން ހަވާލުކުރަންތޯ ނުވަތަ ވަގަކާ ވެރިކަން ހަވާލުކުރަންތޯ ގާސިމް ސުވާލު ކުރެއްވި އެވެ.
ރޭ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ވެސް ގާސިމް ފާޑު ވިދާޅުވި އެވެ. ވިދާޅުވީ ނަޝީދު ވެރިކަމަށް ގެނެސްފި ނަމަ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި އިސްލާމްދީ ބީވެގެންދާނެ ކަމަށް ޝައްކެއް ނުކުރައްވާ ކަމަށެވެ.
ޖީއެމްއާރަށް އެއާޕޯޓް ވެސް ދިނީ އަދި ދިރާގާއި ފެން ކުންފުނީގެ ހިއްސާ ވިއްކާލީ ގާނޫނާ ހިލާފަށް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދޭއިރު ރައްޔިތުން އެފަދަ ކަންކަމަށް ވިސްނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ