މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައިވާ 28 ދާއިރާ އަށް ޕީޕީއެމުން ކެންޑިޑޭޓުން ނުނެރޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ދަނގެތީ ދާއިރާ އަށް ވާދަކުރައްވާ ގެމަނަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އިލްހާމް އަހުމަދުގެ ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ މަހިބަދޫ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެފައި ވަނިކޮށް، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް)، އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. މަހިބަދޫ ދާއިރާގެ ކޯލިޝަންގެ ޓިކެޓް ދީފައި ވަނީ ޖުމްހޫރީ ޕާޓީ އަށެވެ. މަހިބަދޫ ދާއިރާ އަށް ކޯލިޝަނުން ވާދަކުރައްވަނީ އެ ރަށު، ދުނި، އަހުމަދު ސުނީލް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެ ބޭފުޅާ [ޓޮމް] އެގޮތަށް އޮޅުވާލަމުން ދަނިކޮށް ޕީޕީއެމްގެ ކައުންސިލްގެ ދެ މެމްބަރަކު [އަހުމަދު ނިހާން އާއި އަހުމަދު މަހްލޫފް] ވަޑައިގެން އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނޫން ކަން ސާފުކޮށްދެއްވީމާ އިތުރަށް ޝައްކު ކުރާނެ ޖާގައެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޮމް މަހިބަދޫ ދާއިރާ އަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކަން ގަބޫލުކުރައްވާނީ، ގާސިމް ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަހުމަދު އަދީބު ވަޑއިގެން އެކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅަކު ވެސް އެގޮތަށް ވިދާޅުވެއްޖެ ނަމަ އެކަން ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ރަސްމީ ކެންޑިޑޭޓުންނަކީ ޕާޓީތަކުން ޓިކެޓްދީފައިވާ ބޭފުޅުންތަކެއް ކަމަށާއި އޭގެ ބޭރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކޯލިޝަނުގެ ތާއީދު އޮތް ބައެއް ނޫން ކަމަށް މައުމޫން ވެސް ވަނީ ވިދާޅުވެފައި ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައިވާ ސްލޮޓްތަކަށް ޕީޕީއެމްގެ މީހުން ނެރެގެން "އެއީ ކުޅޭކުޅޭ އެއްޗަކަށް ނުހައްދަވާނެ" ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. ރައީސް ޔާމީނާއި މައުމޫނަކީ އެއަށް ވުރެ ތެދުވެރި ދެ ބޭފުޅުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަޅުގަނޑު ގާތު ވިދާޅުވީ ގާސިމޭ ޖުމްހޫރީ ޕާޓީން ޓިކެޓް ދީފައިވާ ފަރާތްތަކުން، ގާސިމް މަސައްކަތްކޮށްދީގެން ޖެހޭނެއޭ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުންގެ މަޖިލިސް ހޯދަން. ރައީސް ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރަށް ވުރެ ރަނގަޅަށް ހޯދާނެ ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައިވާ 28 ދާއިރާގެ ތެރެއިން މަދުވެގެން 25 ދާއިރާ އެ ޕާޓީން ކާމިޔާބުކުރާނެ އެވެ. އެ ކާމިޔާބީއާ އެކު ކުރިއަށް އޮތް ފަސް އަހަރު ހޭދަކުރާނީ ރައީސް ޔާމީންގެ ސަރުކާރާ އެކުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެކަމަކު ގާނޫނާއި ގަވާއިދުތަކާ އުސޫލާ ހިލާފަށް ރައީސް ޔާމީން ވެސް މަސައްކަތްޕުޅު ކުރައްވާ ނަމަ އެކަން ބަލައިނުގަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގާނޫނާ ހިލާފަށް، ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރާނަމަ ދެން އަޅުގަނޑުމެން ޖެހޭނީ އޮބަން ޖެހުނު ބަޓަނަކަށް އޮބަން. އެއީ މަޖިލިސް މެމްބަރުންގެ މަސްއޫލިއްޔަތެއް. ގާނޫނު އަސާސީގައި ބުނެފައިވޭ އެގޮތަށް،" ގާސިމް ވިދާޅުވި އެވެ.
މާމގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި ގޮތުގައި ދަގެނތީ ދާއިރާ އަށް އިލްހާމް ކުރިމަތިލެއްވީ އޭނާގެ އެދިވަޑައިގަތުމަކަށެވެ. ސަރުކާރާ ގުޅިގެން އެ ދާއިރާ ތަރައްގީކުރެވޭނެ އެންމެ ގާބިލް ކެންޑިޑޭޓަކީ އިލްހާމް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ކަށަވަރުކުރަނީ މި ދާއިރާގެ ގޮނޑި އަށް އިލްހާމް އަހުމަދު ހޮވިވަޑައިގަންނަވާނީ 75 ޕަސެންޓަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުންނޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަގެނތީގެ ދާއިރާގެ ނަމުގައި އއ. އަތޮޅުގައި އާ ދާއިރާއެއް އުފެދުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެކެވެ.
އިލްހާމް ވިދާޅުވީ އޭނާ އަކީ ސަރުކާރުގެ އެކި ވަޒީރުންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވާތީ، ދަނގެތީ ދާއިރާ އަށް ތަރައްގީ ލިބޭނެ ކަމަށެވެ. އަދި އޭނާގެ "އެންމެ ކޯލަކުން" ވެސް ސަރުކާރުގެ އިސް ބޭފުޅުން ޖަވާބު ދެއްވުމަކީ ދަގެނތީ ދާއިރާ އަށް ލިބޭނެ ކުރިއެރުމެއް ކަމަށް އިލްހާމް ވިދާޅުވި އެވެ.
ޖޭޕީގެ ކެންޑިޑޭޓުންނާ ވާދަކުރަން ޕީޕީއެމުން މީހުން ނުނެރޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ