ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒް، އައްޔަން ކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓް ދެއްވައި ގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މަހާޒްއާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފާތުމަތު ދިޔާނާ ސައީދާ ދެބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށެވެ. އެއީ އެ ދެބޭފުޅުންނާއެކު އެ މަގާމަށް ކުރިމަތި ލެއްވި، ހަ ބޭފުޅުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް ފޮނުއްވެވުމުން ޖޭއެސްސީން ދިން ލަފަޔާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރި އިރު، އެމްޑީޕީން ވަނީ މަހާޒަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ