ހުޅުލެއާއި ހުޅުމާލެ އާއި ދެމެދު އަޅާ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތް ބޭއްވުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާ ބޭކާރު ކުރަން އުޅޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިގޮތަށް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދާ ހަރަކާތްތަކަށް ތިން މިލިއަން ޑޮލަރު ޚަރަދުކުރާ ކަމަށް ނުރަސްމީކޮށް މަޢުލޫމާތު ލިބޭ ކަމަށެވެ. އަދި އެއީ ބޭކާރުވެގެންދާ ފައިސާކަމުގައި ވިދާޅުވެ މާރިޔާ ވަނީ އެ ރަސްމިއްޔާތު ކުލަގދަކޮށް ބާއްވަން އުޅޭތީ އެކަމަށް ފާޑުކިޔާފައެވެ.
"އެބައިވޭ ތިން މިލިއަން ޑޮލަރު މިކަމަށް ހަރަދު ކުރާނެ ކަމަށް. ހަމަ ދުމަށް އަރައިގެންދާ ރައްޔިތުންގެ ފައިސާ. ތިން މިލިއަން ޑޮލަރަކީ ރާއްޖޭގެ ރައްޔިތުންގެ އަތުންދާ 46 މިލިއަން ރުފިޔާ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިގޮތަށް ވިދާޅުވިނަމަވެސް، ބްރިޖް ހުޅުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އިއްޔެ ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރާ ޚަރަދުގެ ބޮޑު ބަޔަކީ ސީއެސްއާރުގެ ދަށުން ކުރާ ހަރަދު ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގެ މިނިސްޓަރ ވިދާޅުވީ، މި ސަރަޙައްދުން ފެނިގެންދާ ހަވާ އެރުވުމުގެ އެންމެ ކުލަގަދަ ހަރަކާތް، މިރޭ ސިނަމާލެ ބްރިޖް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ފެނިގެންދާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށްގެންދަނީ ހަވާ އެރުވުމުގައި ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދާފައިވާ ފަރާތަކުން ކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާ ސަރުކާރުގެ އިސް ފަރާތްތައް މިހާރު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ސަރުކާރުގެ ވަޢުދެއް ކަމަށްވާ ސިނަމޭލް ބްރިޖް ހަޤީޤަތަކަށްވުމާއި އެކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އެއީ އެފަރާތުން ކުރި ޕްލޭނެއް ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބްރިޖް މަޝްރޫޢުގެ "ކްރެޑިޓް" ނުލިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ވެސް ވަނީ ކޯޅުންތައް ބޮޑުވެފައިކަން ފާނަގަކޮށްލެވެއެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ފައިސާ ބޭކާރުކުރަން އެބަ އުޅޭ - މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ