ރައީސް ޔާމީން އަޒުލު ކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަށް ތަބައެއް ނުވާނަން: އަނިލް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމު މަގާމުން އަޒުލު ކުރުމަށް ސުޕްރީމް ކޯޓުން މިއަދުގެ ވަގުތެއްގައި އަމުރެއް ނެރޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އަމުރަށް ތަބާ ނުވުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ގޮވާލައިފި އެވެ. މިއަދު ދައުލަތުގެ ފަރާތުން ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސުލްޖުމްޖޫރިއްޔާ އަޒުލު ކުރުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށެވެ. އަނިލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް ޔާމީން މަގާމުން އަޒުލު ކުރަމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ފެތުރެމުންދާ ކަމަށެވެ. އަދި އެ އަމުރާ ގުޅިގެން މާލޭގައި ބަޔަކު ހަމަ ނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. "ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއް. ލިބިދީފައި ނުވާ ފުރުސަތެއް ބޭނުން ކުރުމުގެ ފުރުސަތެއް ދިވެހި ދައުލަތުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވޭ." އަނިލް ވިދާޅުވި އެވެ. ގާނޫނު އަސާސީއާ ހަވާލާދީ އަނިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. "އެހެންކަމުން މިކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑު 133 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން. ސަރުކާރަށް އެއީ ގާނޫނު ތަންފީޒުކުރާ ފަރާތްތައް ވެސް ހިމެނޭ ގޮތުގެ މަތިން. ގާނޫނީ އެންމެހާ ކަންކަމުގައި ލަފާދޭން ހުރި މީގެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ. ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަށް ކުރާ އެއްވެސް އަމުރަކީ ހުކުމަކީ ގާނޫނު އަސާސީގެ ތެރޭން ކުރެވޭ ކަމެއް ނޫން. އެހެންވީމާ މިކަން އަޅުގަނޑު ވާނީ ރާއްޖޭގެ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ވަރަށް ސަރީހަކޮށް ދަންނަވާފައި،" އަނިލް ވިދާޅުވި އެވެ. އެފަދަ ގާނޫނު އަސާސީއާ ހިލާފު އަމުރަކަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އަމަލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަނިލް ވިދާޅުވި އެވެ. "ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމަށް ސަލާމަތީ ބާރުތަކަށް ވަނީ ލާޒިމް ކޮށްފައި." އަނިލް ވިދާޅުވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު އާއި މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ވަނީ ވާހަކަ ފުޅުދައްކަވައިފަ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަނިލް ދެއްވި ގާނޫނީ ލަފައަށް ތަބާވާނެ ކަމަށް ވިދާޅުވެފަ އެވެ. "ދިވެހި ގައުމު ކްރައިސިސް އަކަށް ދާކަށެއް ދިވެހި އަސްކަރިއްޔާއަކަށް ބަލަހައްޓައިގެނެއް ނުތިބެވޭނެ. ދިވެހި އަސްކަރިއްޔާ މަސައްކަތް ކުރަމުން ގެންދާނީ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ގާނޫނީ ލަފާފުޅާ އެއްގޮތަށް. ދިވެހި އަސްކަރިއްޔާ އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ތަބައެއް ނުވާނެ،" މެޖާ ޝިޔާމް ވިދާޅުވި އެވެ. "ދިވެހި ފުލުހުން މަސައްކަތް ކުރާނީ މިފަދަ މައްސަލަތަކުގައި ބަންޑާރަނައިބު ދެއްވާ ލަފާފުޅުގެ ދަށުން. އަދި ހަމަ އެއާ އެކު މިފަދަ ހާލަތެއްގައި ދިވެހި ފުލުހުން ގެންދާނީ އެ ދެއްވާ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު އަސާސީ އާއި ދިވެހި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާނެ ގޮތަށް އެފަދަ ކަން ކަން ތަންފީޒު ކުރަމުން." ނަވާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ