މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދަންނަވަން ޖޭއެސީން ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ދިދީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން އޭނާ އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ދެންނެވުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރީ އޭނާއާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާތީއެވެ. ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ހުކުމް އިއްވަންދެން، އޭނާ ސަސްޕެންޑު ކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން ބަލައި ނުގަނެ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމު ދެމިއޮންނާނެ ކަމަށް ނިންމާފައެވެ. ޖޭއެސްސީން މިރޭ ބުނީ، ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރަކު ފޮނުވަން މިރޭގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން މިރޭ ބުންޏެވެ. "އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް [ކޯޓުގައި] ދެންނެވުމަށް ވެސް ނިންމި. މިގޮތަށް ނިންމެވީ ކޮމިޝަންގެ އަޣުލަބިއްޔަތުން،" ޖޭއެސްސީން ބުންޏެވެ. ފަނޑިޔާރު އަބްދުﷲ ދީދީގެ ގުޅޭގޮތުން ކޮމިޝަނުން ބަލާ ސުލޫކީ ދެ މައްސަލަ އަކާ ގުޅިގެން އޭނާ ބަޔާން ނެގުމަށް ޖޭއެސްސީއަށް މިރޭ ވަނީ ހާޒިރުކޮށްފަ އެވެ. ކޮމިޝަނަށް ވަޑައިގެން އޭނާ ވަނީ އެނާ އާ ގުޅޭގޮތުން ކޮމިޝަނުން ކުރާ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. https://sun.mv/120516
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ