ޙައްޖުގެ އެންމެފަހު ތައްޔާރީތައް ފެށިއްޖެ، ޙައްޖުވެރިން ކަރަންޓީނަށް!

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އެންމެފަހުގެ ތައްޔާރީތައް މައްކާއާއި މަދީނާގައި ފަށައިފިއެވެ.
އެގޮތުން، މައްކާގައި ހުންނަ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއާއި އެ މިސްކިތްތަކުގެ ގޯތިތެރެ ޑިސްއިފެކްޓްކޮށް، ސްޓެރަލައިޒް ކުރުމުގެ މަސައްކަތް ވަނީ ވަރަށް ފުޅާކޮށްފައެވެ.
މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީ ބަލަހައްޓާ އޮފީހުންވަނީ، ޑިސްއިންފެކްޓްކުރުމާއި، ސްޓެރަލައިޒްކުރުމާއި މިސްކިތްތަކުގައި ހުވަނދުލުމާއި، ހައްޖުގެ އަޅުކަމަށް އަންނަ މީހުންނަށް މަރްހަބާކިއުމާއި، ހައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ މަސައްކަތަށް 3،500 މަސައްކަތްތެރިންގެ ޓީމެއް އެކުލަވާލައި ޚިދުމަތަށް ވަނީ ނެރެފައެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރުނަ ނުދިމުމަށް ޓީމުތަކުން މިހާރުވެސް ގެންދަނީ ދުވާލަކު 10 ފަހަރު މަސްޖިދުލް ޙަރަމާއި، ޙަރަމްގެ ވަށައިގެންވާ ސަރަހައްދުތައް ދޮވެ ސާފުކުރަމުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވެނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންގެ ތެރެއިން ހޮވާލެވުނު މަދު އަދަދެއްގެ ބައެކެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު 10،000 އަށްވުރެ މަދުވާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު، ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ހޮވުނު މީހުންގެ %70 އަކީ ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންކަމަށް ބުނެފައި ވެއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ހޮވުނު މީހުންނަކީ އެއްވެސް މީހެއްގެ ނުފޫޒެއްނެތި ސީދާ ގުރުއަތުން ހޮވުނު މީހުންކަމުގެ ޔަގީކަން ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުހަންމަދު ސާލިހް ބެންތެންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ހަމައެއާއެކު، ގުރުއަތުން ހޮވުނު ފަރާތްތައް ފިޔަވައި، ޚާއްސަ އިމްތިޔާޒެއްގެދަށުން އަދި އެނޫންގޮތަކުވިޔަސް، އެއްވެސް އޮފިޝަލަކުވެސް، ހައްޖުގެ އަޅުކަމުގައި ބައިވެރިކޮށްގެން ނުވާނޭ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން އަމުރު ކުރައްވާފައިވާ ކަމަށް ޑރ. މުހަންމަދު ސާލިހް ބެންތެން ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މައްކާއަށް ޖަމާވާން ފަށާފައިވާއިރު، ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާއިންވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ދަށުން، މައްކާއަށް މިހާތަނަށް ގޮސްފައިވާ އެންމެންވެސް މިހާރުތިބީ ކަރަންޓީނުގައެވެ.
މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. މުހަންމަދު ސާލިހް ބެންތެން ވިދާޅުވީ، ހައްޖަށް އަންނަމީހުން އަމަލުކުރާނެ އުސޫލުތައް ވަރަށް ސާފުކޮށް ބަޔާންކޮށް، ރައްކާތެރި ފިޔަވަޅުތައްވެސް ވަރަށް ފުރިހަމައަށް އަޅާފައިވާނޭ ކަމަށެވެ.
އެހެން ފަހަރުތަކާ ޚިލާފަށް، ހައްޖަށް އަންނަމީހުންނަށް ކަޢުބާގައި އަތްލުމުގެ ފުރުސަތު މިފަހަރު ނުދޭގޮތަށްވަނީ ނިންމާފައެވެ. މިއީވެސް، ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ކަޢުބާގެ ވަށައިގެން ލެވިފައިވާ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެއެވެ. މިއީ، ކޮންމެ އަހަރެއްގެވެސް ހައްޖުގެ އަޅުކަމަށް ފެށުމުގެކުރިން ކުރާ ކަމެކެވެ.
މީގެއިތުރުންވެސް، ނަމާދުކުރުމާއި، ހައްޖުގެ އަޅުކަންތައް ފުރިހަމަކުރުމުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމާއި، ތަންތަނުގައި ބޮނޑިނުވުމަށް ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުންވަނީ އިލްތިމާސްކޮށް އުސޫލުތައް ގާއިމްކޮށްފައެވެ.
ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ބަލީގެ ހާލަތު އަދިވެސް ގޯސްވަމުންދާއިރު، ގަލްފްގެ ގައުމުތަކުގެ ތެރެއިން ބަލީގެ ހާލަތު އެންމެ ގޯހީވެސް ސައުދީ އަރަބިއްޔާގައެވެ. އެގައުމުން 266،772 މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 2،733 މީހުން މަރުވެފައި ވެއެވެ. ހަމައެއާއެކު، 215،731 މީހުން ބަލިން ފަސޭހަވެފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ