ކުރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ގާޒީއަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަން ކުރައްވާފައިވަނީ ދީބާނާޒް ފަހުމީއެވެ.
މިއީ ޝަރުއީ ދާއިރާގައި ތާރީހީ ކަމެކެވެ. ޖިނާއީ މައްސަލަތައް ދަށު ކޯޓުގައި ބެލުމުގައި މީގެ ކުރިން އަންހެން ފަނޑިޔާރަކު މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ބައެއް މެޖިސްޓްރޭޓް ކޯޓުތަކާއި ސިވިލް ކޯޓު އަދި ފެމެލީ ކޯޓުގައި އަންހެން ގާޒީއިން ތިއްބަވައެވެ.
ޖޭއެސްސީގައި ވެސް އިންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވަނީ މިކަމަށް މަރުހަބާ ދަންނަވާފައެވެ. ރިފްއަތު ވިދާޅުވީ މިއީ ޖުޑިޝަރީގައި އަންހެން ފަނޑިޔާރުން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިހާރު އޮތް ޖޭއެސްސީގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓަށް ވެސް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވަނީ ކުރިމިނަލް ކޯޓަށް އައްޔަން ގާޒީއަކު އައްޔަން ކުރެއްވުމުން މަރުހަބާ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ދީބާނާޒްއަކީ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. ދީބާނާޒްއަކީ ކުރިން ޕީޖީ އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ދީބާނާޒުގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޕީޖީ އޮފީހުގެ ކުރީގެ ވަކީލް މުހައްމަދު މިސްބާހު ވެސް ވަނީ އައްޔަން ކުރައްވާފައެވެ.
ކުރިމިނަލް ކޯޓަށް ފުރަތަމަ އަންހެން ގާޒީ، ބަންޑާރަ ނައިބުގެ މަރުހަބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ