މިއަދުވެސް ރާއްޖެއިން 133 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 103 ދިވެއްސެކެވެ.
މީގެ އިތުރުން ހިމެނެނީ 15 ބަންގްލަދޭޝް ރައްޔިތުންނާއި، 08 އިންޑިޔާ ރައްޔިތުންގެ އިތުރުން ޔޫއޭއީ، ބްރިޓެން، ސްރީލަންކާ މިއިން ކޮންމެ ގައުމެއްގެ ދެ ރައްޔިތުންނާއި ނޭޕާލުގެ ރައްޔިތެކެވެ.
މިއަދުގެ އަދަދުތަކާއިއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިވަނީ 6912 އަށް އަރައިފައެވެ. އޭގެ ތެރެއިން 4297 މީހުން ރަނގަޅުވެފައިވީނަމަވެސް 2588 މީހަކަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭއިން ކޮވިޑް ޖެހިގެން 27 މީހަކު މަރުވެފައިވާއިރު 117 މީހަކަށް އަންނަނީ ހޮސްޕިޓަލުގައިވެސް ފަރުވާ ދެމުންނެވެ.
ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެވީ މާލެ ސަރަހައްދުގައެވެ. އެގޮތުން މިއަދު އެކަނިވެސް 121 މީހުން ވަނީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑަށް ޓެސްޓު ކުރުމަށް މިހާތަނަށް 104،631 ސާމްޕަލްއެއް ނަގާފައިވާއިރު ކޮވިޑް ޓެސްޓު ކިޓުތައް ރާއްޖޭގައި ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެންމެ ފަހުން އެންއީއޯސީން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހުރީ 15،000 ޓެސްޓު ކިޓު ކަމަށެވެ. އެއީ ގާތްގަނޑަކަށް ދެ ހަފްތާގެ މުއްދަތުގައި ބޭނުން ކުރެވޭނެ މިންވަރެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރިނަމަވެސް ބަލި ފެތުރޭ ދުވެއްޔަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އަތޮޅު ތެރެއިން ކޮވިޑް ފެންނަ މިންވަރުވެސް ވަނީ މައްޗަށް ދާން ފަށައިފައެވެ. އެހެންނަމަވެސް މާލެ ފިޔަވައި އެއްވެސް ރަށެއްގައި ކޮމިޔުނިޓީ ސްޕްރެޑެއް އުޅޭ ކަމަކަށް މިހާތަނަށް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.
103 ދިވެހިންނާއެކު ޖުމްލަ 133 މީހުން މިއަދުވެސް ޕޮޒިޓިވް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ