މަޖިލީހުގައި ރެސްޓޯރެންޓް، ޖިމެއް އަދި ފިހާރައެއް ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގެ ސޯޝިއަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ސޯޝިއަލް ކްލަބުގެ ދަށުން މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރެންޓެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި ހަމަ އެ ކަލަބުގެ ދަށުން މަޖިލީހުގެ އާ އިމާރާތުގައި ޖިމެއްވެސް ގާއިމް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ ސޯޝިއަލް ކްލަބުގައި ހިމެނެނީ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން މަޖިލީހުގެ ޔައުމިއްޔާ އަދި މަޖިލީހުގައި ތައްޔާރުކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހެންސެޑް ފިހާރައެއް ހުޅުވަންވެސް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "މިވަގުތު މަޖިލިސް ކްލަބުގެ ގަވައިދުގައި އެ ކްލަބުގެ މެމްބަރުންގެ ގޮތުގައި ތިބެވެނީ މަޖިލީހުގެ މެމްބަރުންނާއި އަދި މަޖިލީހުގެ ސްޓާފުން. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ މި ދެންނެވި ކްލަބަކީ ކުރީގެ މެމްބަރުންނަށް އަދި ކުރީގެ ރިޓަޔަމެންޓަށް ދާ މަޖިލީހުގެ ސްޓާފުންނަށް ގާއިމް ކުރެވޭ ކްލަބެއް." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ ރެސްޓޯރެންޓް ހުޅުވުމުން ދާއިރާގެ ރައްޔިތުންނާއެކު ކޮފީ ބޯލަން، މަޝްވަރާކޮށްލަން އެތަނަށް މެމްބަރުންނަށް ވަޑައިގެންނެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ މެމްބަރުންނަށް އޮފީސް މަސައްކަތް ކުރެވޭނެ ގޮތަށް މޭޒުކޮޅުތައް މިހާރު ތައްޔާރުކޮށްފައިވާނެ ކަމަށާއި، މަޖިލީހުގައި މެމްބަރުންގެ މަސައްކަތް ކުރުމަށް އެ މެމްބަރެއްގެ މުވައްޒަފުންނަށް އެތަނަށް ވަދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަދި އެއްވެސް މެމްބަރަކު (މުވައްޒަފުން) ގެނައުމުގެ އިންތިޒާމެއް ހަމައެއް ނުޖައްސަވާ." ނަޝީދު ވިދާޅުވި އެވެ. އޭގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިކޮޅުތައް ވެސް މިހާރު ނިމިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އުންމީދަކީ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން މުގައްރިރުން މަޖިލީހުގެ ސްޓާފުންނާ އެކުގައި ކޮމިޓީތައް ކުރިއަށް ގެންދަންވީ ގޮތުގެ މިސްރާބާއި ވާހަކަ ދައްކަވާ ދުވަހަށް ތައްޔާރުވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ