މިނިސްޓަރު ފައްޔާޒުގެ ވާހަކަތަކަކީ ދައުލަތަށްވެސް ހުތުރެއް އިސްތިއުފާދެއްވާ: އުމަރު

ފިރިހެނުން ގިނައިން އެކުގާ ވަޒީފާ އަދާކުރާނަމަ ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން ގިނަވާކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވިދާޅުވެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން އުމަރު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީރަކު މިފަދަ ހުތުރު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެއްކުމަކީ މުޅި ދައުލަތަށްވެސް ލިބުނު ހުތުރެއްކަމަށެވެ.
އެހެންކަމުން ފައްޔާޒު މަގާމުން އިސްތިއުފާދެއްވުމަށް އުމަރު ވަނީ ގޮވާލައްވާފައެވެ.
ފައްޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފިރިހެނުން ގިނައިން އެކުގާ ވަޒީފާ އަދާކުރާނަމަ ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން ގިނަވާކަމަށް ދިރާސާތަކުން ދައްކާ ކަމަށެެވެ. އަދި މިކަމުގެ ހައްލަކީ ފިރިހެނުން ގޭގައި މަސައްކަތް ކުރުން ނުވަތަ ހާއްސަ "ޗެސިޓީ ބެލްޓް"އެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުންތޯ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވެފައިވާކަމަށް ބެލެވެނީ ޖަމިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ބޭއްވެވި ދަރުސްއެއްގައި އަންހެނުންގެ އިއްފަތްތެރިކަމަށް ރައްކާތެރިވުމުގެ މުހިންމުކަމާއި ގުޅޭގޮތުން އައްޝައިޚް އަހުމަދު ސަމީރު ދެއްވި ދަރުސްއެއްގައި ދައްކަވާފައިވާ މުހިންމު ބައެއް ވާހަކަތައް، ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތްކުރައްވާ އަލީ ރަމީޒު ޓްވީޓް ކުރެއްވުމާއި ގުޅިގެންކަމަށް ބެލެވެއެވެ. އަލީ ރަމީޒުގެ މި ޓްވީޓާއި ގުޅިގެން ހައްގުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ ބައެއް މީހުން ގެންދަނީ އިސްލާމްދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށް ޓްވީޓްކުރަމުންނެވެ.
މިފަހަކަށް އައިސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި، ދީނުގައި ކަންކަން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގުޅޭގޮތުން އެކަމާއި ޖަދަލުކޮށް އަދި އެ ހުކުމްތަކަށް ފުރައްސާރަކޮށް ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. މީގެ އިތުރުން ކީރިތި ރަސޫލ؛ާއަށް ނިސްބަތްކޮށްވެސް ދަށު ދަރަޖައިގެ ބަސްތަކުން މުޚާތަބުކުރުންފަދަ ކަންކަން ވަނީ އާންމުވެފައެވެ.
މިކަންކަން ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި، ފުލުހުންގެ އިދާރާއިން މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވާއިރު، ބައެއް ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ހުތުރު ވާހަކަތައް ދެއްކުމާއި، ޖެއްސުމަށް ދީނީ ކަންކަން ސާފުކުރުމުގެ ނަމުގައި ތަފާތު ސުވާލުތައްވެސް އެ އިލުމުވެރިންނަށް ދަނީ އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ