2018 ވަނަ އަހަރު ބޮލީވުޑްގައި އެންމެ ކާމިޔާބު 20 ލަވަ

ފާއިތުވެދިޔަ 2018 ވަނަ އަހަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުން ކުރީގެ ލަވަތައް މޮޑިފައިކޮށް އަލުން ރިލީޒްކުރި އަހަރެކެވެ. އަހަރުގެ އެންމެ ކާމިޔާބު 20 ލަވައިގެ ތެރޭގައިވެސް މިފަދަ ލަވަތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.
މި ލިސްޓުގައި މިހިމާނަލަނީ މިދިޔަ 2018 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގައި ހިމެނުނު ލަވަތަކުގެ ތެރެއިން ޔޫޓީއުބްގައި އެންމެ ގިނަ މީހުން ބަލާފައިވާ ލަވަތަކެވެ.
1. ބޮމް ޑިގީ ޑިގީ
މިއީ ޒެކް ނައިޓް އަދި ޖޭސްމިން ވާލިއާ 2017 ވަނަ އަހަރު ކިޔާފައިވާ ލަވައެކެވެ. މިދިޔަ އަހަރު ރިލީޒްލްކުރި ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީގައި ވަނީ މި ލަވަ ހިމަނާފަ އެވެ. ޔޫޓިއުބްގައި 360 މިލައަނަށްވުރެ ގިނަ މީހުން މި ލަވަ ބަލާފައިވެ އެވެ.
2. ދިލް ޗޯރީ
މިއީ ވެސް ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީގެ ލަވައެކެވެ. ސޫފީ ލަވަކިޔުންތެރިޔާ ހަންސް ރާޖް ހާންސް ކިޔާފައިވާ މި ލަވަ މި ފިލްމަށް މޮޑިފައިކޮށްދިނީ ޔޯޔޯ ހަނީ ސިންގެވެ. ލަވަ ކިޔާފައިވަނީ ހަނީ ސިންގްގެ އިތުރުން ސިމަރް ކޯރް އަދި އިޝާސް އެވެ. ޔޫޓިއުބްގައި 297 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
3. އާންކް މާރޭ
ރަންވީރް ސިންގް އަދި ސާރާ އަލީ ޚާންގެ ފިލްމު ސިމްބާގައި ހިމެނުނު މި ލަވަޔަކީ 1996 ވަނަ އަހަރުގެ ފިލްމު ތެރޭ މެރޭ ސަޕްނޭގައި ހިމެނުނު ލަވައެކެވެ. ސިމްބާ އަށް މި ލަވަ މޮޑިފައިކޮށްދީފައި ވަނީ ތަނިޝްކް ބާގްޗީއެވެ. ލަވަ ކިޔާފައިވަނީ މީކާ ސިންގް އަދި ނޭހާ ކައްކާރެވެ. އެހެންނަމަވެސް ލަވައިގެ ވަކި ހިސާބަކުން އޮރިޖިނަލް ލަވަ ކިޔާފައިވާ ކުމާރް ސާނޫގެ އަޑުވެސް އިވިގެންދެއެވެ. ޔޫޓިއުބްގައި 220 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެ އެވެ.
4. ދިލްބަރް
މިއީވެސް ކުރީގެ ލަވައެކެވެ. 1999 ވަނަ އަހަރުގެ ފިލްމް ސިރްފް ތުމްގައި ސުޝްމީތާއާއި ސަންޖޭ ކަޕޫރް ފެނިގެންދިޔަ މި ލަވަ ޖޯން އަބްރަހަމްގެ ފިލްމް ސަތްޔަމޭވަ ޖަޔަތޭއަށް މޮޑިފައިކޮށްދިނީ ތަނިޝްކް ބާގްޗީއެވެ. ލަވަ ކިޔާފައިވަނީ ނޭހާ ކައްކާރްއަދި ދްވާނީ ބަނުޝާލީއެވެ. ރެޕް ބައި ކިޔާފައިވަނީ އިއްކާއެވެ. ޔޫޓިއުބްގައި 217 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ. މި ލަވައިގެ ވީޑިއޯއިން ފެނިގެންދާ ނޯރާ ފަތޭހީ އަށް ވަނީ މި ލަވަޔާއެކު ބޮޑު މަޝްހޫރު ކަމެއް ލިބިގެންގޮސްފައެވެ. ފަހުން ނޯރާ އަދި އެފްނައިރް ވަނީ މީގެ އަރަބި ލަވައެއްވެސް ކިޔާފައެވެ.
5. ކައްމަރިޔާ
މިއީ މިދިޔަ އަހަރުގެ ފިލްމް މިތްރޯ ގެ ލަވައެކެވެ. ލީޖޯ ޖޯރްޖްގެ މިއުޒިކަށް މި ލަވަ ކިޔާފައިވަނީ ދަރްޝަން ރަވާލެވެ. އަދި ރެޕް ބައި ކިޔާފައިވަނީ އިއްކާއެވެ. ޔޫޓިއުބްގައި 201 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
6. ޖިންގާޓް
މިއީ ފިލްމް ދަޅަކްގެ ލަވައެކެވެ. ދަޅަކް އަކީ މަރާޓީ ފިލްމް ސައިރާތް ގެ ހިންދީ ފިލްމެވެ. ޖިންގާޓް ގެ އޮރިޖިނަލް ލަވަ ހިމެނުނީ އެ ފިލްމުގައެވެ. ދަޅަކް އަށް ހިންދީ ބަހުން މި ލަވަ މޮޑިފައިކޮށް ކިޔާފައިވަނީ މިއުޒިކް ޑުއޯ އަޖޭ އަދި އަތުލްއެވެ. ޔޫޓިއުބްގައި 173 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
7. ތަރީފާ
މިއީ މިދިޔަ އަހަރު ކަރީނާ ކަޕޫރް ޚާން، ސޯނަމް ކަޕޫރް، ސްވަރާ ބާސްކަރް އަދި ޝީކާ ތަލްސާނިއާ ކުޅެފައިވާ ފިލްމު ވީރޭ ދީ ވެޑިންގެ ލަވައެކެވެ. ޤަރާން ގެ މިޔުޒިކާއި ލިރިކްސްއަށް ލަވަ ކިޔާފައިވަނީ ބާދްޝާއެވެ. ޔޫޓިއުބްގައި 173 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
8. ހައި ރޭޓެޑް ގަބްރޫ
މިއީ 2017 ވަނަ އަހަރު ގުރޫ ރަންދާވާ ކިޔާފައިވާ ލަވައެކެވެ. ލަވަ ވެގެންދިޔައީ 2017 ވަނަ އަހަރުގެ އެންމެ މަޤްބޫލު އިންޑިއާ ލަވައަށެވެ. މިހާތަނަށް ކުރީގެ ލަވައިގެ ވީޑިއޯ 219 މިލިއަނަށްވުރެ ގިނަ މީހުން ބަލާފަވެއެވެ. މިދިޔަ އަހަރުގެ ފިލްމު ނަވާބްޒާދޭ ގައި ވަނީ ގުރޫ ގެ މި ލަވަ ހިމަނާފައެވެ. އާ ލަވައިން ފެނިގެންދަނީ ނަވާބްޒާދޭގެ 3 ލީޑް އެކްޓަރުންނާއި އެކު ވަރުން ދަވާން އަދި ޝްރައްދާ ކަޕޫރެވެ. ޔޫޓިއުބްގައި 172 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
9. ޚަލީ ބަލީ
މިއީ މި ދިޔަ އަހަރުގެ ފިލްމް ޕަދްމާވަތްގެ ލަވައެކެވެ. ލަވައިން ފެނިގެންދަނީ ފިލްމުގައި ސުލްތާން އަލާއުއްދީން ޚިލްޖީގެ ރޯލު އަދާކުރާ ރަންވީރް ސިންގެވެ. ސަންޖޭ ލީލާ ބަންސާލީގެ މިއުޒިކަށް އޭއެމް ޓުރާޒް ލިޔެފައިވާ ލިރިކްސްއާއެކު ލަވަ ކިޔާފައިވަނީ ޝިވަމް ޕަތަކްއެވެ. ޔޫޓިއުބްގައި 170 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
10. އޯ ސާތީ
މިއީ ފިލްމް ބާޢީ 2 އަށް އާތިފް އަސްލަމް ކިޔައިދީފައިވާ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ޔޫޓިއުބްގައި 146 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
11. ޗޯޓެ ޗޯޓެ ޕެގް
މިއީ މިއުޒިކްގެ ގޮތުން މި އަހަރު އެންމެ ކާމިޔާބު ފިލްމު ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ ގެ ލަވައެކެވެ. ހަންސް ރާޖް ހާންސް ގެ 2012 ވަނަ އަހަރުގެ ލަވަ ޓޯޓޭ ޓޯޓޭ ހޯގަޔާ، ޗޯޓޭ ޗޯޓޭ ޕެގް ގެ ނަމުގައި މި ފިލްމަށް މޮޑިފައިކޮށްފައިވަނީ ޔޯޔޯ ހަނީ ސިންގެވެ. ލަވައިން ހަނީ ސިންގްގެ އިތުރުން ނޭހާ ކައްކާރް އަދި ނަވްރާޖް ހާންސްގެ އަޑު އިވިގެންދެއެވެ. ޔޫޓިއުބްގައި 145 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
12. ތެރެ ނާލް ނަޗްނާ
މި ލަވަޔަކީ މިދިޔަ އަހަރުގެ ފިލްމު ނަވާބްޒާދޭގައި ހިމެނުނު ލަވައެކެވެ. ބާދްޝާ އަދި ސުނަންދާ ޝަރްމާ ކިޔާފައިވާ މި ލަވައިގެ މިޔުޒިކް ހަދާ ލިރިކްސް ލިޔެފައިވަނީވެސް ބާދްޝާއެވެ. ލަވައިން ފިލްމުގެ ލީޑް 3 އެކްޓަރުންނާއެކު، ސުނިލް ޝެޓީގެ އަންހެން ދަރިފުޅު، އާތިޔާ ޝެޓީ ފެނިގެންދެއެވެ. ޔޫޓިއުބްގައި 136 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
13. ދަޅަކް
މިއީ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމް ދަޅަކްގެ މައިގަނޑު ލަވައެވެ. ޝާހިދް ކަޕޫރްގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރާއެކީ ޖާންވީ ކުޅެފައިވާ މި ފިލްމުގެ މި ލަވަ ކިޔާފައިވަނީ އަޖޭ ގޮގަވާލޭ އަދި ޝްރެޔާ ގޮޝާލެވެ. ޔޫޓިއުބްގައި 124 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
14. ޕްރޮޕަރ ޕަޓޯލާ
މިއީ އަރްޖުން ކަޕޫރް އަދި ޕަރިނީތީ ޗޯޕްރާގެ މިދިޔަ އަހަރުގެ ފިލްމް ނަމަސްތޭ ލަންޑަންއަށް ދިލްޖީތް ދޮސާންޖް، އާސްތާ ގިލް އަދި ބާދްޝާ ކިޔާފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކް ހަދާ ލިރިކްސް ލިޔެފައިވަނީ ބާދްޝާއެވެ. ޔޫޓިއުބްގައި 122 މިލިއަނަށްވުރެ ގިނަމީހުން މި ލަވަ ބަލާފައިވެއެވެ.
15. ޕަޓޯލާ
މިއީ މިދިޔަ ދެ އަހަރުވެސް އިންޑިޔާގެ އެންމެ ކާމިޔާބު ފިރިހެން ލަވަކިޔުންތެރިޔާ ގުރޫ ރަންދާވާ 2015 ވަނަ އަހަރު ބޮހީމިއާ އާއިއެކު ނެރުނު ލަވައެކެވެ. އެ އަހަރު ނެރުނު ވީޑިއޯއަށްވެސް ޔޫޓުއިބްގައި 118 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފިލްމު ބްލެކްމެއިލްއަށް ގުރޫ މި ލަވަ އަލުން ކިޔާފައިވާއިރު ލަވައިގެ ވީޑިއޯއިން ފިލްމުގެ ދެ ތަރިން ކަމުގައިވާ އިރްފާން ޚާން އަދި ކިރިތީ ކުލްހާރީ އާއި އެކު ގުރޫވެސް ފެނިގެންދެއެވެ. ޔޫޓިއުބްގައި 119 މިލިއަނަށްވުރެ ގިނަމީހުން މި ލަވައިގެ ވީޑިއޯ ބަލާފައިވެއެވެ.
16. ދޭކްތޭ ދޭކްތޭ
މި ލަވަޔަކީ ސޫފީ ލަވަކިޔުންތެރިޔާ މަރްހޫމް ނުސްރަތް ފަތޭހް ޢަލީ ޚާން 1985 ވަނަ އަހަރު ކިޔާފައިވާ ލަވައެކެވެ. ޝާހިދް ކަޕޫރް އަދި ޝްރައްދާ ކަޕޫރްގެ ފިލްމު ބައްތީ ގުލް މީޓަރ ޗާލޫ އަށް މި ލަވަ މޮޑިފައިކޮށްފަވަނީ ރޮޗަކް ކޯލީއެވެ. ލަވަ ކިޔާފައިވަނީ އާތިފް އަސްލަމްއެވެ. ޔޫޓިއުބްގައި 110 މިލިއަނަށްވުރެ ގިނަމީހުން މި ލަވައިގެ ވީޑިއޯ ބަލާފައިވެއެވެ.
17. ދިލް މެރީ ނާ ސުނޭ
މިއީވެސް އާތިފް އަސްލަމް ކިޔާފައިވާ ލަވައެކެވެ. ހިމޭޝް ރެޝަމިޔާގެ މިޔުޒިކް އަދި މަނޯޖް މުންތަސިރްގެ ލިރިކްސް ހިމެނޭ މި ލަވައަކީ އުތްކަރްޝް ޝަރްމާގެ ފުރަތަމަ ފިލްމު ޖީނިއަސް ގެ ލަވައެކެވެ. ޔޫޓިއުބްގައި 110 މިލިއަނަށްވުރެ ގިނަމީހުން މި ލަވައިގެ ވީޑިއޯ ބަލާފައިވެއެވެ.
18. މިލެގީ މިލެގީ
މިއީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ސްޓްރީ އިން ރިލީޒްކުރި ފުރަތަމަ ލަވައެެވެ. ރާޖްކުމާރް ރާއޯ އަދި ޝްރައްދާ ކަޕޫރްގެ މި ފިލްމުގެ މި ލަވަ ކިޔާފައިވަނީ މީކާ ސިންގް އަދި ސަޗިން ޖިގަރެވެ. ޔޫޓިއުބްގައި 107 މިލިއަނަށްވުރެ ގިނަމީހުން މި ލަވައިގެ ވީޑިއޯ ބަލާފައިވެއެވެ.
19. ޕާނިޔޯ ސާ
މިއީ ޖޯން އަބްރަހަމްގެ ސަތްޔަމޭވަ ޖަޔަތޭ އަށް ތުލްސީ ކުމާރް އަދި އާތިފް އަސްލަމަ ކިޔާފައިވާ ލޯބީގެ ލަވައެކެވެ. ލޯބީގެ ލަވަތައް ކިޔުމުގައި އަދިވެސް ހަމަ އާތިފް އަސްލަމް ވަރެއް ނެތެވެ. ރޮޗަކް ކޯލީގެ މިއުޒިކް އަދި ކުމާރްގެ ލިރިކްސް ހިމެނޭ މި ލަވައިގެ ވީޑިއޯ ޔޫޓިއުބްގައި 94 މިލިއަނަށްވުރެ ގިނަމީހުން ބަލާފައިވެއެވެ.
20. ޗޯގަޅާ
މިއީ ސަލްމާން ޚާންގެ ޅިޔަނު އާޔުޝް ޝަރްމާގެ ފުރަތަމަ ފިލްމު ލަވްޔާތްރީގެ ލަވައެކެވެ. ދަރްޝަން ރަވާލް އަދި އަސީސް ކޯރްގެ އަޑުން އިވިގެންދިޔަ މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ލީޖޯ ޖޯޖެވެ. ޔޫޓިއުބްގައި 90 މިލިއަނަށްވުރެ ގިނަމީހުން މި ލަވައިގެ ވީޑިއޯ ބަލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ