ރާއްޖޭގެ ޑިމޮކްރެސީގެ ހަގީގީ ބާނީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އަކީ ރާއްޖޭގެ ސިޔާސީ ހަރަކާތުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި ގާސިމްގެ އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ފަދައިން ދިވެހިރާއްޖެ މިއަދު ދެކެމުންމިދާ ޑިމޮކްރެސީގެ ހަގީގީ ބާނީއަކީ މި ޕާޓީގެ ލީޑަރު ގާސިމް. ގާސިމްގެ ބެލުމުގެ ދަށުން ހިނގަމުންމިދާ ޕާޓީ، އަޅުގަނޑު ގަބޫލުކުރަނީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއްގެ ގޮތުގައި. ޖޭޕީގެ ތަސައްވުރު ހާސިލުކުރުމަށްޓަކާ އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން މިންވަރަކުން މަސައްކަތް ކުރާނަން" ނާޒިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީ އަށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް ގުޅެމުންދާއިރު އޭނައަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވެސް ޖޭޕީ އަށް ވަރަށް ގުޅޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"މި ޕާޓީއަކީ އެހެން ޕާޓީތަކުން މި ޕާޓީގެ ފަހަތުން މަސައްކަތްކުރާ ޕާޓީއަކަށް ހެދުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމެއް. މިހާރު މިއޮތް ލީޑަރޝިޕުގައި މި ޕާޓީ އާއި އެހެން ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރާތަން ފެނުން އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފަނެއް" ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަކީ މިހާރު މިއޮތް ހާލަތުގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ޕާޓީތަކެއް ކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ވޯޓު ދިނީ ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ރައްޔިތުންގެ ހިދުމަތަށް ގެނައުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި ބެހެއްޓުމަށް ޖޭޕީން ވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި އޭނާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އިބޫ އަށް މިއަދު ދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގީ ބާނީ އަކީ ގާސިމް - ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ