ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކުރުމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ޖޭއެސްސީއަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ފާރިސް ޖޭއެސްސީއަށް އައްޔަން ކުރުމަށް ޕީޕީއެމްގެ މެންބަރުން ވެސް ވޯޓު ދެއްވި އެވެ.
ފާރިސް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސް ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރުމަށް ފަހު އެވެ. ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަ ކުރައްވައިފަ އެވެ.
ހުސްވެފައިވާ މަގާމަށް ފާރިސްގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ނަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭނާގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އެހެން ނަމަވެސް މެންބަރު ރަޝީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފަ އެވެ. އެއާ އެކު މަޖިލީހުގައި ވޯޓަށް އެހީ ފާރިސްގެ ނަމަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ