ކުރީގެ ރައީސުންނަށްދޭ ފައިސާ ނަޝީދަށް ނުލިބޭ؟!

ކުރީގެ ރައީސުންނަށް މުސާރަ އާއި އިނާޔަތްތައް ދޭން ބަޖެޓުގައި ޖަހާފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މުސާރައާއި އިނާޔަތް ދޭން ބަޖެޓުގައި އެއްވެސް ފައިސާއެއް ނުހިމަނައި ބަޖެޓު އެކުލަވާލައިފި އެވެ. ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތް ނަޝީދަށް ދިނުން މެދުކަނޑާލީ، ރައީސްކަން ކޮށްފައިވާ މީހުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ބަދަލު ގެނައުމަށް ފަހު އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެއްވެސް އިނާޔަތެއް އެ ގާނޫނުގެ ދަށުން ނުލިބޭނެ އެވެ. އޭރު ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުން އިނާޔަތްތައް ދިނުން މެދު ކަނޑާލި ނަމަވެސް މިހާރު އެ ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުގެ އަމުރަކުން ވަނީ ހުއްޓުވައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން އެދިގެން ސުޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ. މިފަހަރު ބަޖެޓް އެކުލަވާލި އިރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް އިނާޔަތްތަކާއި ފައިސާ ދޭން ވަނީ ހިމަނައިފަ އެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި ތިން ރައީސުން ކުރެ ކޮންމެ ރައީސަކަށް މަހަކު 87،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އެ ރޭޓުން ބަލާ އިރު ކުރީގެ ތިން ރައީސުން ކުރެ ކޮންމެ ރައީސަކަށް މަހަކު 172،000 ރުފިޔާ އަދި ތިން ބޭފުޅުންނަށް މަހަކު 516،000 ރުފިޔާ އަދި އަހަރަކު 6.19 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ