ގާޒީ ނިހާން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި

އދ. މަމިގިލީ ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ނިހާނުގެ މައްޗަށް ސާބިތުވެފައިވާ ޓެރަރިޒަމް މައްސަލަ ހައިކޯޓުން ބާތިލްކޮށް، ނިހާނު މިނިވަން ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ދައުވާ ސާބިތުވެ ނިހާން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
މިއަދު މެންދުރު ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު އަޑު އެހުމުގައި ނިހާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމީ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ހައިކޯޓުން މިގޮތަށް ނިންމިއިރު ގާޒީ ނިހާން ހުންނެވީ ގޭ ބަންދުގަ އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފަ އެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މިހަތަރު ދައުވާގެ ތެރެއިން މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ