ވަކީލުންނާ ރައީސް މައުމޫން އަރަބި ބަހުން ވާހަކަ ދައްކަވާތީ އެކަން ނުކުރަން ފުލުހުން އަންގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އެމަނިކުފާނުގެ ވަކީލުންނާ އަރަބި ބަހުން ވާހަކަދައްކަވަތީ އެކަން ނުކުރެއްވުމަށް ފުލުހުން އަންގައިފި އެެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާއި ރައީސް މައުމޫން އިއްޔެ ވާހަކަދެއްކެވީ އަރަބި ބަހުން ކަމަށެވެ. އިއްޔެ އެކަން މަނާކޮށްފައި ނުވި ނަމަވެސް ރައީސް މައުމޫންގެ ވަކީލުން މިއަދު ރައީސް މައުމޫނާ ބައްދަލުކުރަން ދިއުމުން އަރަބި ބަހުން ވާހަކަ ނުދެއްކުމަށް ފުލުހުން އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކީލުންނަށް އެބޭފުޅުންގެ މުވައްކިލާ ބޭނުން ބަހަކުން ވާހަކަދެއްކޭނެ ކަމަށާއި އެގޮތަށް ވާހަކަ ދެއްކުން މަނާކުރާ ގާނޫނެއް ގަވައިދެއް ނޯންނާނެ ކަމަށް ވަކީލުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ވަކީލް ހުސައިން ޝަމީމް ވެސް ވަނީ ފުލުހުން އެގޮތަށް އެންގިކަން ޓްވިޓާ މެދުވެރިކޮށް ޔަގީންކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ހައްޔަރުކޮށްފައި ހުންނެވި ނަމަވެސް މިއަދާ ހަމައަށްވެސް ތަހުގީގެއް ކޮށް ރައީސް މައުމޫނާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.
ރައީސް މައުމޫން ހުންނެވީ ސާބިތުކަން މަތީގައި ކަމަށާއި ދިވެހި ރައްޔިތުން އިސްލާހަށް ކުރާ މަސައްކަތް ހުއްޓާނުލުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެ ގޭގެ ދޮރުވައްޓާލައި، އެގެއަށް ފުލުހުން ވަދެ ރައީސް މައުމޫން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.
ރައީސް މައުމޫން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަށް ރިޝްވަތު ދެއްވައިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތުގަ އެވެ. ނަމަވެސް ރައީސް މައުމޫން ހައްޔަރުކުރި ފަހުން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމުގެ ތުހުމަތު ކޮށްފައިވާ ކަމަށްވެސް ރައީސް މައުމޫންގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫން މިވަގުތު ބަންދުކޮށްފައި ހުންނެވީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެމަނިކުފާނު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު އަންގާފައިވާ ކަމަށާއި ނަަމަވެސް ބަދަލުކުރާ ތަނުގެ މައުލޫމާތު ދީފައި ނުވާ ކަމަށްވެސް ރައީސް މައުމޫންގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ