ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޝަރުތު ތަކަކާއެކު މިދިޔަ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްލި ނަމަވެސް، އަލުން އޭނަ ހައްޔަރު ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެންމަތިވުމާއި ގުޅިގެން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯޒް ގެއަށް ވަޑައިގެންފި އެވެ.
ފާރިސް ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދަނިކޮށް ފާރީސް އުޅުއްވާ ގެއަށް ރައީސް މައުމޫން މީގެ ކުޑައިރުކޮޅެއްގެ ކުރިން ވަޑައިގެންނެވިއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންވެސް އެ ގެއަށް ވަޑައިގަންވަމުންދާ ކަމަށް އެސަރަހައްދުގައި ހުރި ވީނިއުސްގެ ރިޕޯޓަރު މައުލޫމާތުދެ އެވެ.
ފާރިސްގެ އާއިލާގެ ބޭފުޅުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފާރިސް އަލުން ހައްޔަރުކުރަން އުޅެނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި އެ ކޯޓް އަމުރު ދީފައިވަނީ ފާރިސްގެ ރިޝްވަތުގެ މައްސަލަ ބައްލަވާ ގާޒީ ނޫން ކަމަށްވެ އެވެ.
ފާރިސްގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ޔުމްނާ މައުމޫން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފާރިސް ހައްޔަރުކުރަން އަނެއްކާވެސް އަމުރެއް ނެރެފި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ ޖެއްސުން ކުރުމުގެ އަމަލެއް ކަމަށްވެސް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައި ހުންނެވި ބަންދުގައި ހުންނަވާތާ ހަމަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ކޯޓުން ފާރިސް ދޫކޮށްލީ ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހުގެ 19 ވަަނަ ދުވަހު ނެރުނު ކޯޓު އަމުރު ބާތިލްވެސް ކުރުމަށްފަހު އެވެ.
ކޯޓުން ފާރިސް ދޫކޮށްލީ ހެކިންނަށް ނުފޫޒު ފޯރާފަދަ އަމަލެއް ނުކުރުމަށާއި، ކޯޓުގެ ހުއްދައަކާއި ނުލައި މާލެއިން ބޭރަށް ފުރައިގެން ނުދިޔުމުގެ އިތުރުން ކޯޓުން އަންގާ ކޮންމެ ގަޑިއެއްގައި ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށް ފާރިސް އެ ޝަރުތުތަކަށް އެއްބަސްވެވަޑައިގަތުމުންނެވެ.
ފާރިސް އަނެއްކާވެސް ހައްޔަރުކުރުމުގެ އަޑުތަކާއެކު ފާރިސް ދިރިއުޅުއްވާ ގެއަށް މައުމޫން ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ