މަހްލޫފް ގޭ ބަންދަށް ބަދަލު ކުރުމުން އެކަމަށް މަރުހަބާ އަދި ރައީސް މައުމޫން ވެސް މިހާރުން މިހާރަށް ގެއަށް ގެންނަވަން ޖެހޭ: ދުންޔާ މައުމޫން

މުޒާހަރާއަކުން ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލު ކުރުމުން، އެކަމަށް ރައީސް ޔާމިން ސަރުކާރުގެ ހެލްތު މިނިސްްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމާއި އަދި ފޮރިން މިނިސްޓަރު ކަން ކުރެއްވި ދުންޔާ މައުމޫން މަރުހަބާ ވިދާޅުވެއްޖެއެވެ.
މަހުލޫފް ގެ ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ދުންޔާ އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފަރާތްތައް ގޭ ބަންދަށް ބަދަލު ކުރަން ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރައްވާ ކަމަށާއި އަދި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިހާރުން މިހާރަށް ގެއަށް ގެންނަވަން ޖެހޭ ކަމަށެވެ. 
Welcome the transfer of @AhmedMahloof to his house. Reiterate call to move all arrested under SoE to their homes. #FatheroftheNation President @maumoonagayoom should be brought home immediately. https://t.co/MHWdL4GMst
ރައީސް އަބްދުﷲ ޔާމިން މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 44 ދުވަހާއި 16 ގަޑިއިރަށް ފަހު ނިމުމަކަށް ގެނެސްފައިވީ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ސަރުކާރުން ހައްޔަރު ކުރި ބައެއް ފަރާތްތައް އަދިވެސް ބަންދުން ދޫކޮށްފައެއް ނުވެއެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލެއް ކަމަށްވާ ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި މި ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ