ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުލް ގައްޔޫމް ހުންނެވީ ގަދަކޮށްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަލްއުސްތާޒު ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު މިހެން ވިދާޅުވީ ޖަލަށް ވަޑައިގެން ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްފަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ހުސައިން ޝަމީމު ވިދާޅުވީ "ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް"ކަމަށެވެ.
ރައީސް މައުމޫނާއި ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ލިބިފައިމިވަނީ އެ ފުރުސަތު ދިނުމަށް ކަރެކްޝަނަލް ސާރވިސްއިން މީގެ ކުރިން ދެކޮޅު ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާއަށް އަމާޒުވެފައިވަނިކޮށެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނިކޮށް ގިނަ ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ކުރުމަށްފަހުއެވެ. މައުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުއްވައި، ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވުމާއ، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދެއްވައި އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުތަކެކެވެ.
ރައީސް މައުމޫން ވަނީ މިއީ ސިޔާސީ ވާހަކަތަކެއްކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
ރައީސް މައުމޫން ހިފާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެކުރިންވެސް މި ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރުމަށް މަސައްކަތް ކުރެއްވިކަމަށާ ނަމަވެސް ކޯޓުން އަމުރު ނުލިބުނީ އެމަނިކުފާނު ކުށެއް ކުރައްވާފައިނުވާތީކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރެވޭނެ ގޮތެއް ނެތިގެން އެންމެ ފަހުން އެކަމަށް މަގުފަހިކުރީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެންނެވެ.
ރައީސް މައުމޫނަށް މިސަރުކާރުން ފުރައްސާރައާއި ޖެއްސުންކުރަން ފެށީ އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި ލޯބި ބޭނުންކޮށްގެން ވެރިކަމަށް ގެންނެވި ރައީސް އަބުދުﷲ ޔާމީނަށް ދެން ދުވަހަކުވެސް ތާއީދުނުކުރައްވާނެކަމަށާ އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުންނެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ޖަލުގައި ބަންދުކޮށްފައެވެ. މިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު އިސްލާހީ މަސައްކަތް ފެއްޓެވުމާއިއެކު ރައީސް މައުމޫން ވަނީ ޖަލަށްލައްވަފާނެތީ ބިރުފުޅު ނުގަންނަކަމަށާ އެއީ އައުކަމެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސާބިތުކަން ހާމަކޮށްދެއްވާފައެވެ.
"ރައީސް މައުމޫން ހުންނެވީ ހަމަ ގަދަކޮށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ