ފާރިސް މައުމޫން ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައި: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ޖަލުގައި ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައިކަމަށާ އޭނާ ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ގަބޫލްކުރައްވާގޮތުގައި ފާރިސް މައުމޫން ޖަލުގައި ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައެވެ.
އަދި ފާރިސް ޖަލަށްލެވިފައިވަނީ ކޮރަޕްޝަނާއި، ވައްކަމާއި، ނާއިންސާފަށް ނޫނެކޭ ވިދާޅުވުމުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގައިރު ގާނޫނީ ބަންދެއްގައި 6 މަސްދުވަހު ފާރިސް މައުމޫން ޖަލުގައި ހޭދަކުރައްވައިފިކަމަށާ އެހެންކަމުން މިހާރުން މިހާރަށް ފާރިސް މިނިވަންކުރުމަށް ގޮވާލައްވާކަމަށެވެ.
ފާރިސް މައުމޫން ޖަލުގައި ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައިކަމަށާ އޭނާ ވަގުތުން މިނިވަން ކުރުމަށް ގާސިމް ގޮވާލައްވާފައިވާއިރު، އެފަދަ ގޮވާލުންތައް ސިޔާސީ ލީޑަރުންނާއި، މަޖިލީސް މެންބަރުންނާއި، ބޭރުގައުމުތަކާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.
ފާރިސްއަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ. އެފަދަ ހުކުމެއް އިއްވައިފިނަމަ ފާރިސްގެ މަޖިލިސް މެންބަރުކަން ގެއްލި ދިއްގަރު ދާއިރާގެ ގޮނޑި ހުސްވާނެ އެެވެ.
ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުލަތުން ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ފާރިސްގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން ވަނީ ފާރިސް މައުމޫނު ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން އުޅޭ ފަރާތްތަކުން އެކަމުގެ އަގު ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ