އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހި އަޒުމުގައި ހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އާ އަހަރާ ދިމާކޮށް ޤާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި ވަނީ ސިޔާސީ، އިޖުތިމާއީ، އިޤްތިސާދީ އަދި ހާރިޖީ ދާއިރާގައި ރާއްޖެ މިއަދު ތަޖުރިބާކުރަމުންދާ ނުތަނަވަސް އަޑިގަނޑުން އަވަސް ފުރުސަތެއްގައި އަރައިގަނެވުން ކަމަށެވެ.
އަދި ނުހައްގުން ބޮޑެތި އަނިޔާތައް ލިބެމުންދާ ކޮންމެ މީހަކާއި، މަޔަކާއި ބަފަޔަކާއި ދަރިއަކާއި އަދި ޢާއިލާއެއްގެ ލޮލުން ފައިބަމުންދާ ވޭނީ ކަރުނަތައް ހުއްޓުމަކަށް ގެނައުން ކަމަށް ޤާސިމް ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫން އަސާސީގައި ބަޔާންކުރާ ފަރުދުންގެ އަސާސީ ޙައްގުތައް ކޮންމެ މީހަކަށް ވެސް ކަށަވަރުވުމެވެ. ކޮންމެ ރައްޔިތަކަށް ވެސް ޢަދުލް އިންސާފުގެ ޔަގީންކަން ލިބުމެވެ. ދީނީ ޚިޔާލް ތަފާތުވުންތައް ނެތް، އިސްލާމީ ޢަގީދާގައި ސާބިތުކަންމަތީ ތިބި، އަމާންކަން ގާއިމްވެފައިވާ ހިތްފަސޭހަ ވެށްޓަކަށް ދިވެހިރާއްޖޭގެ ވެށި ވުމެވެ" ގާސިމްގެ ބަޔާނުގައި ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނަޞީބު ދިމާކުރި ގޮތުން ދިވެހި ރާއްޖެއާއި ދިވެހި ލޮބުވެތި ރައްޔިތުންނާ ކިތަންމެ ދުރުގައި ހުރި ނަމަވެސް، ނުހައްގުން ބޮޑެތި އަނިޔާތަކެއް ލިބި އަދި ހިތްދަތި ތަކުލީފުތަކެއް އުފުލަންޖެހުނު ނަމަވެސް، ފަށާފައިވާ އިޞްލާޙީ މަސައްކަތުގައި ހަމަ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހި، ކުރިޔަށް ދިއުމުގެ ސާބިތު ޢަޒުމުގައި ހުންނެވި ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަގީގަތަކަށް ހަދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިޚްލާޞްތެރިކަމާ އެކު ރައްޔިތުންނާ ވަރަށް ގާތުގައި ހުންނެވި ކަމަށާއި ރޫޙީ ގޮތުން ކޮންމެ ރައްޔިތަކާ ވެސް އެންމެ ކައިރީގައި ހުންނެވި ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތް އަހަރަކީ ރައްޔިތުންގެ އެދުމާއި ހުވަފެންތައް ޙަގީގަތަކަށް ހެދުމަށް އެންމެ މުހިންމު ނިންމުން ނިންމުމަށް ރައްޔިތުންނަށް ލިބޭ އެންމެ ތަނަވަސް ފުރުޞަތު ލިބޭނެ އަހަރު ކަމަށާއި މާޒީގެ ތަޖުރިބާއަށް ބަލައި ރައްޔިތުން ތައްޔާރުވުމަށް ގާސިމް ވަނީ ގޮވާލައްވާފައިވެއެވެ.
އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ