ލެބް ޓެކްނީޝަންގެ ބަންދަށް ކުރިމިނަލް ކޯޓުން 7 ދުވަސް ޖަހައިދީފި


އައި.ޖީ.އެމް ހޮސްޕިޓަލުން އެޗް.އައި.ވީއަށް ޕޮޒިޓިވް ލޭ އެޅުނު ބަލިމީހާގެ ގަޔަށް އެޅި ލެއަކީ ހޮސްޕިޓަލްގެ ބްލަޑް ބޭންކްގައި ހުރި ލެއެއް ނޫން ކަމަށާއި، ބަލިމީހާގެ ގަޔަށް އެޅީ އާއިލާގެ ފަރާތުން ގެނައި މީހެއްގެ ލޭކަމަށް ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
 
އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މިމައްސަލައިގެ ތަހްޤީޤަށް ބަންދުކޮށްފައިވާ އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަންގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިދީފައެވެ.ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޅުމުގައި އިހްމާލުވީ ކަމުގެ ތުހުމަތުގައި ކޯޓުން މުއްދަތު ޖަހާދީފައިވަނީ އިންޑިއާގެ ކެރެލާ ސްޓޭޓަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، ނަމަކަށް ކިޔާ 32 އަހަރުގެ މީހެއްކަމަށެވެ.
  
ދެހާސްހަވަނަ އަހަރުން ފެށިގެން އޭނާ އައިޖީއެމްއެޗްގައި މަސައްކަތްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެޗް.އައި.ވީ ޕޮޒިޓިވް ލޭ އެޅުނު ބަލިމީހާއަށް ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ފަރުވާ ދެމުން އަންނަ ކަމަށެވެ.
 
މިނިސްޓަރ ވިދާޅުވީ ބަލިމީހާ ބޭނުން ކޮންމެ ކަމެއް ކޮށްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި، ބަލިމީހާއަށް ބޭނުންވާ ކައުންސިލިންގއާއި އިތުރު ފަރުވާ މިހާރުވެސް ދެމުން އަންނަ ކަމަށެވެ.
 
މިނިސްޓަރ ޝަކީލާ ވިދާޅުވީ ދިމާވެގެން އުޅޭ މިހާދިސާގައި ބަލިމީހާގެ ގަޔަށް އެޅި ލެއަކީ ހޮސްޕިޓަލްގެ ބްލަޑް ބޭންކްގައި ހުރި ލެއެއް ނޫން ކަމަށާއި، އެއީ ބަލިމީހާގެ އާއިލާގެ ފަރާތުން ގެނައި މީހެއްގެ ލޭ ކަމަށެވެ. އަދި އެމީހާގެ ގައިން ނެގި ލޭ ބަލިމީހާގެ ގަޔަށް އެޅީ އެޗްއައިވީއަށް ޕޮޒިޓިވްކަން އެނގި ހުރެގެން ނޫން ކަމަށާއި، އެޗްއައިވީ ލޭ އެޅުނު މައްސަލާގައި އެއްވެސް ކަމެއް މިހާތަނަށް އޮޅުވާލާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިމައްސަލަ އެކަމަނާއަށް އެނގިވަޑައިގަތީ ފެބްރުއަރީ 19 ވަނަ ދުވަހު އިރުއޮއްސުނުއިރު ކަމަށެވެ. އެ ހިސާބުން ޑަބްލިއުއެޗްއޯ ފަދަ ތަންތަނަށް ގުޅައިގެން މައުލޫމާތު އެއްކޮށް، މަޝްވަރާ ހޯދިކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ހިނގައިގެން އުޅޭކަން އާންމު ރައްޔިތުންނަށް ނާންގާ ސިއްރު ކޮށްފައި ނުވާނެ ކަމަށާއި، އިންވެސްޓިގޭޝަން ރިޕޯޓް ލިބެންދެން މީޑިއާގައި އެއްޗެއް ހާމަނުކުރައްވާ މަޑުކުރެއްވީ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިން މިފަދަ ކަމެއް ހިނގާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ.
 
ހެލްތް މިނިސްޓަރ މަރިޔަމް ޝަކީލާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަނީ ޒަމާނުއްސުރެ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި، ކިތަންމެ މޮޅު ޑޮކްޓަރުން ތިއްބަސް ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެޗްއައިވީ އަށް ޕޮޒިޓިވް ލޭ އެޅުނު ހާދިސާގައި  އަސަރު ކުރި އެންމެންގެ ފަރާތުން މާފަށްއެދޭކަމަށެވެ.  އަދި އިންސާނެއްގެ އަތުން ކުށެއް ކުރެވިދާނެކަމަށާއި، މިހާރުދަނީ ތަހުގީގުގައި ފެނުނު ކަންތައްތައް ވަގުތުން ރަނގަޅު ކުރަމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބް ވިދާޅުވީ މި ހާދިސާގައި އިހުމާލުވި އިންޑިޔާގެ ޓެކްނީޝަން ތަހުގީގަށް ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ފުލުހުންވަނީ ލެބް ޓެކްނީޝަން ފުލުހުންގެ ބަންދުގައި ހުރި ކަން ޔަގީންވެސް ކޮށްދީފައެވެ.
 
  ހަބީބު ވިދާޅުވީ ލޭ އެޅުނީ އޭނާގެ އިހުމާލުން ކަމަށް ޓެކްނީޝަން ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމެއް ކަމަށް އެބަސް ނުވާ ކަމަކަމަށެވެ. ޑރ. ހަބީބް ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް ލޭ އެޅި ދުވަހު އޭނާ ކުއްލި ގޮތަކަށް ރާއްޖޭއިން ފުރައިގެން އިންޑިއާއަށް ދިޔަ ކަމަށާއި، ނަމަވެސް މިހާރު އޭނާ ހުރީ މާލޭގައި ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރި ކަމަށް މެސެޖެއް ލިބުނު ކަމަށް ހަބީބު ވިދާޅުވިއެވެ. އެޗްއައިވީ ލޭ އެޅި މައްސަލާގައި އިސްތިއުފާއާއަށް ގޮވާ އަޑު އިވޭކަމަށާއި ނަމަވެސް އިސްތިއުފާ ދެއްވާނީ އައިޖީއެމްއެޗް ރަނގަޅު ކުރުމަށް ފަހުކަމަށްވެސް ޑރ. ހަބީބް ވިދާޅުވިއެވެ.
 
 
ހެލްތް މިނިސްޓްރީގެ ބޭފުޅަކު ކޮމިޓީގައި ވިދާޅުވީ ލެބް ޓެކްނީޝަނަކީ 2006 ވަނަ އަހަރު ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އަތޮޅުތެރޭގެ ހޮސްޕިޓަލަކުން ވަކިކޮށްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެއީ ބްލެކް ލިސްޓް މީހެއް ނޫންކަމަށެވެ. މިކޮމެޓީ ފަހުންވަނީ މީޑިއާއަށް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ