އެމްޑީޕީ މީހުންނާއި މާދުރު ނޫން ހިސާބެއްގައި ހުންނަވައިގެން މައުމޫން އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެ

ސ.ހިތަދޫން މުޝައްރަފް ހަސަން
ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އެމްޑީޕީއަށް ތާއީދުކުރާ ބަޔަކާއި މާދުރު ނޫން ހިސާބެއްގައި ހުންނަވއިގެން އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފި އެވެ.
މައުމޫން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހުޅުމީދޫއަށް ވަޑައިގެން އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ އެމްޑީޕީގެ 40 ވަރަކަށް ސަޕޯޓަރުންނާއި 30 ވަރަކަށް ފޫޓު ކައިރީގައި ހުންނަވައިގެން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެން ދިޔައީ އަނިޔާވެރި ސިޔާސަތުތަކެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު މާލޭގައި ހުންނަވަނިކޮށް ވެސް ބަޔަކު ހަމަލާދެއްވާފައިވާ ކަމަށާއި އެކަން ކުރީ އެމްޑީޕީ މީހުން ނުވަތަ އެމީހުންގެ އެކްޓިވިސްޓުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ހުންނެވުން އޭރު ދަތިކަމަކަށް ހަދާފައިވާ ކަމަށާއި މިހުރިހާ ކަމެއް ވެސް ކުރީ ޑިމޮކްރަސީއަށް ތާއީދުކުރާ ބައެއް ކަމަށެވެ.
"އެހެން ނަމަވެސް އެއީ ކޮންބައެއްތޯ، އެއީ ޑިމޮކްރަސީއަށް ތާއީދު ކުރާ ބަޔެކޯ، އެއީ ޑިމޮކްރަސީ ރާއްޖޭގައި ގާއިމުކޮށްގެން ޑިމޮކްރަސީ ހަރުދަނާ ކުރަން ސަރުކާރު ހަވާލުވި ބަޔެކޯ، އެހެން އެމީހުން ބުނަނީ، އެކަމަކު އޭގެ ކުރިން ވެސް ރާއްޖޭގައި ޑެމޮކްރަސީ އޮތް." އެމްޑީޕީއަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އިސްލާހުކުރެވުނު 1932 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޑިމޮކްރަސީ އޮތް ކަމަށާއި އެކި ސަރުކާރުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެމަނިކުފާނު ވެސް އެ މަސައްކަތް ކުރެއްވި ކަމަށެވެ.
"މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ، ޝަރުއީ ނިޒާމަށް ގޮންޖަހާ، ޝަރުއީ ހުކުމަށް ކިޔަމަން ނުވެ، އެކަންތައް ކުރަމުން އެގެންދިއައީ އެ ޑިމޮކްރަސީއަށް ލޯބިކުރާ މީހުން، ޑިމޮކްރަސީ އޭ ކިއާފައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލި ބައެއް މިކަންތައް ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުން ދަންނާނެ." ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިއަދު ހުޅުމީދޫއަށް ވަޑައިގެންނެވުމުން 180 އެއްހާ މީހުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުމެފައިވެ އެވެ. އަދި އެމަނިކުފާނާއި ދެކޮޅަށް ވެސް 40 އެއްހާ މީހުން ސުލްހަވެރިކަމާއެކު އަޑު އުފުލާފައިވެ އެވެ.
ނަމަވެސް ޖަލްސާ ނިމުނުތަނާއި ޖަލްސާ ބޭއްވި ހުޅުމީދޫ ޕާކްގެ ފުރަގަހުން އެރަށު މީހަކު އެމްޑީޕީ ދިދައެއް ހިފައިގެން ޕާކް ތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން އޭނާ ހުއްޓުވާފައިވެ އެވެ.
އަދި ރައީސް މައުމޫންގެ ލޯންޗުކޮޅު ދިޔައިރު 10 ވަރަކަށް މީހުން ނެރު ކޮޅަށް އަރާ ތިއްބާ އެތަނުން ވެސް ފުލުހުން އެމީހުން ފޮނުވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ