ކަނޑަށް ވެއްޓި ގެއްލުނު ބޯޓު ހޯދުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލައިފި

މެލޭޝިއަން އެއާލައިންސްގެ އެމްއެޗް ފްލައިޓް 370 ގެއްލިގެން އުޅޭތާ ދެހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މި ބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން މިއަދު ހުއްޓާލައިފި އެވެ.
މިއީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ބޯޓު ހޯދުމުގެ މަސައްކަތް މެދުކަނޑާލި ދެވަނަ ފަހަރެވެ.
އޮސްޓްރޭލިއާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީން ބުނީ ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ހުރިހާ އެއާކްރާފްޓްތައް އޮސްޓްރޭލިއާގެ ޕާތްއަށް ދަތުރުކުރަމުންދާ ކަމަށާއި އަދި ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކަނޑުމަތީ ދުއްވާ ބޯޓުތައް ވެސް ގެއްލުނު ބޯޓު އޮތް ކަމަށް ބެލެވޭ ސަރަހައްދާއި ދުރަށް ދަތުރުކުރަމުންދާ ކަމަށެވެ.
ބޯޓު ހޯދުމުގެ މަސައްކަތުގައި ބުރާސްފަތި ދުވަހު 11 އެއާކްރާފްޓަކާއި ކަނޑުމަތީގައި ދުއްވާ ފަސް ބޯޓު ހަރަކާތްތެރިވި އެވެ.
ބޯޓު ވެއްޓުނު ކަމަށް ބުނާ ސަރަހައްދަށް އެމެރިކާގެ އެއާކްރާފްޓްތައް ނައްޓާލަން އުޅުނު ނަމަވެސް އިންޑިއާ ކަނޑުގެ ސަރަހައްދަށް އެއާކްރާފްޓްތައް ދިއުން މަޑު ޖައްސާލީ ވެސް ބޯޓު މިހާރު ހޯދަމުންދާ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
އޮސްޓްރޭލިއާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީން ބުނީ ހުކުރު ދުވަހު މޫސުން ރަނގަޅު ނަމަ އަނެއްކާވެސް ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މާޗް 8 ވަނަ ދުވަހު 239 މީހުންނާއިއެކު މެލޭޝިޔާއިން ފުރައިގެން ޗައިނާއަށް ދަތުރުކުރި މި ބޯޓު ވެއްޓިފައިވާ ކަމަށް މެލޭޝިޔާ ސަރުކާރުން ނިންމާފައިވާއިރު ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ބޯޓު ހޯދަމުންދާ ސަރަހައްދުން ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް ފެންނަމުންދާ ބައިތަކަކީ ބޯޓުގެ ބައިތައް ކަން މިހާތަނަށް ވެސް ކަށަވަރުކުރެވިފައެއް ނުވެ އެވެ.
މެލޭޝިޔާގެ ވަގުތީ ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމުއްދީން ހުސެއިން އިއްޔެ ވިދާޅުވީ ގެއްލުނު ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ 122 ބައި ފްރާންސްގެ ސެޓަލައިޓް ފޮޓޯއިން ފެނިފައިވާ ކަމަށާއި މިއީ ބޯޓު ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ