އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުން ޖަލަށްލުމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިއަދާއި ހަމައަށް ތިއްބެވި ހަތަރު މެންބަރުން ޖަލަށްލުމަށް ހުކުމްކުރީ 6 މަސް ދުވަހަށެވެ. ނަމަވެސް އެޙުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހަށް ފަސްކުރަން ވެސް ސްޕްރީމް ކޯޓުގެ ޙުމުގައި ވަނީ އަމުރުކޮށްފައެވެ.
މިއަދު ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަރުތު ހަމަނުވާކަމަށް ވެސް ޙުކުމް ކޮށްފައެވެ. މިޙުކުމާއި އެކު ދެބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އެއީ އަމުރަށް ނުކިޔަމަންތެރިވުންކަމަށް ބަލާ ޤާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
މީގެއިތުރުން މިމަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ، އާދަމް މުހައްމަދު، އަލީ ހަމީދު މުހައްމަދުގެ އިތުރުން އަބްދުﷲ ސައީދެވެ.
ހުކުމް ކޮށްފައި ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދެވެ.
ހުކުމުގައި އުއްތަމަ ފަނޑިޔާރުގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވަނީ މެންބަރުންގެ މައްސަލަ ޖިނާއީ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން އަމުރު ކުރުމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި އިތުރަށް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަންވާނީ ރާއްޖޭގެ ޖިނާއީ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެމަތިން ކަމާބެހޭ އިދާރާއިން އެ މައްސަލަ ތަހުގީގު ކޮށްގެން ކަމަށެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެ ކޯޓުގެ ހުކުމްތަކާ ޚިލާފަށް ވާހަކަދައްކައި، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާކަން ފުވާދު ތައުފީގު ޝަރީއަތުގައި ވެފައިވާ އިއުތިރާފުން ވެސް އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން "ސުމޯޓޯ" މައްސަލަ ބެލުމަށް ކަޑައަޅާފައިވާ ގަވާއިދުގެ ދަށުން އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ތިން މެންބަރުން ސުޕްރީމް ކޯޓު ތެރޭގައި އޮތް ކާރަކަށް އަރާވަޑައިގެން އެސަރަހައްދު ދޫކޮށް ވަޑައިގެންފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ފަޔާޒް ވަޑައިގެންނެވީ ސައިކަލްގައި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއިއެކު، ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އެމްވީޔޫތަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުން ވަކިކުރުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި ކޯޓުގެ ހުކުމާއި މެދު ރަސްމީކޮށް އަދި އެޕާޓީން ވަކި އެއްޗެއް ހާމަކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ