ނާޒިމްގެ ޝަރީއަތް މާދަމާ ހަވީރު ބާއްވަން ތާވަލްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މި ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00 ޖަހާއިރު އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހު ބާއްވާފައިވާއިރު، ނާޒިމް ވަނީ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން އެ ދައުވާއަށް އިންކާރުކުރައްވާ ނާޒިމް ވިދާޅުވީ އޭނާގެ ފަރަތުން އެމައްސަލައިގައި ވާހަކަ ދައްކާނީ އޭނާގެ ގަނޫނީ ވަކީލުން ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ ނާޒިމާ ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ ލިޔުންތަކުގެ ތެރޭގައި ހުރި ސިއްރު ލިޔުންތަކަކީ ކޮބައިކަން ނޭނގޭތީ ނާޒިމްގެ ވަކީލް އަދި ބަލައިގެންފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ފަރާތުން އެދުވަހު ކޯޓުގައި ވަކާލާތު ކުރެއްވީ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަ އާދަމް އާރިފް އެވެ.
ނާޒިމްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގެން އިންނެވި ނަމަވެސް، އޭނާގެ ފަރާތުން ނާޒިމްގެ ވަކީލުކަން ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމު އޭރު ބަލައިގަނެފައި ނުވާތީ، އެދުވަހުގެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު މައުމޫން ހަމީދަށް ލިބިފައެއް ނުވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ ވަކީލަކު އައްޔަން ކުރަން ނާޒިމަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.
ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލާފައިވާއިރު، ނާޒިމާއި އެކުގައި ނާޒިމްގެ އަނބިކަނބަލުންގެ މައްޗަށްވެސް ހަމަ އެދައުވާ ވަނީ އުފުލާފައެވެ. އެހެން ނަމަވެސް ދައުވާއަށް އިސްލާހު ހުށަހަޅައި، ނާޒިމްގެ އަނބިކަނބަލުންގެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ.
ފުލުހުން ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 3:15 ހާއިރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ އެތަނުން ފިސްތޯލައަކާއި ތިން ވަޒަނާ އަދި އައިއީޑީއެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި ނާޒިމްގެ އަރިސް ބޭފުޅުން ގެންދަވަނީ އެ ވާހަކަތައް ދޮގުކުރައްވަމުންނެވެ.
ފުލުހުން ނާޒިމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެރޭ ދަންވަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ