މި ސަރުކާރުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ އަތުގައި ބިޑި އަޅުވައި ބަންދު ކުރާނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ ކެންޑިޑޭޓް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދުގެ ރަސްމީ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ބަންދުކުރާ ސަރުކާރެއް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ބަންދުކުރުމަށްފަހު ނޫނީ މި 5 އަހަރެއް ނުނިމޭނެ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ މިސަރުކާރުން އަޅުގަނޑުމެންގެ އަތުގައި ބިޑި އަޅުވާނެ. އަޅުގަނޑުމެން އެންމެން ޖަލަށް ލާ ރާއްޖޭގެ ރައްޔިތުން ބަންދު ކުރާނެ. މި ސަރުކާރަކީ ބަންދުކުރާ ސަރުކާރެއް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މި ސަރުކާރު ހަމައަކަށް އެޅޭނީ ހަމައެކަނި މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެން ކަމަށެވެ.
"މި ސަރުކާރު ހަމައަކަށް އެޅުވޭނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފުލް މެޖޯރިޓީ އެމްޑީޕީއިން ހޯދައިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އަޅުގަނޑުމެން ބަންދު ސަރުކާރަކަށް ފުރުސަތެއް ނުދޭނަން." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޝާހިދު ވިދާޅުވީ، އެމަނިކުފާނު މިހާރު ހުންނެވި ކެޔޮދޫ ދާއިރާގެ އާބާދީއަށް ވުރެ ހެންވޭރު އުތުރު ދާއިރާގެ އާބާދީ މާ ބޮޑު ކަމަށެވެ. ނަމަވެސް، މަޖިލީސް ރައީސްގެ މަޤާމަށް އަލުން ހޮވިއްޖެ ނަމަވެސް، ރައްޔިތުންގެ ހާލަތު ގާތުން ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
"5000 ރައްޔިތުން ތަމްސީލު ކުރުމަށް މި ނިކުންނަނީ. އެހެންވީމާ، އަޅުގަނޑު އަޅުގަނޑަށް ތިޔަބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ޤާއިމު ކުރުމަށްޓަކައި، އަޅުގަނޑުގެ އޮފީހެއް ޤާއިމުކޮށް، ހަމަޖެހިފައިވާ ވަކި ނިޒާމަކުން އަޅުގަނޑާ ރައްޔިތުންނާ ބައްދަލުވާނެ އިންތިޒާމު ހަމަޖައްސާނަން." ޝާހިދު ވަޢުދުވިއެވެ.
ކުރީގެ ރަޢީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އާއިލާގެ ބޭފުޅެއްގެ ސިއްހީ ކަމެއްގައި އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަންނަން ޖެހުމުގެ ސަބަބުން އަބްދުﷲ ޝާހިދުގެ ޖަގަހަ މިރޭ ހުޅުއްވައިދެއްވީ އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.
މި ސަރުކާރަކީ ރައްޔިތުން ބަންދުކުރާ ސަރުކާރެއް - ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ