ގާޒީ ބާރީއަށް އިންޒާރުދިން މައްސަލައިގައި އަޑުބަރޭ ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ހައްޔަރުކޮށްފިއެވެ.
އަޑުބަރޭ ހައްޔަރުކުރީ މިރޭ 12:45 ހާއިރު ހެޕީމާކެޓް ކައިރިންނެވެ.
އަޑުބަރޭ ހައްޔަރުކޮށްގެން ކާރަށް އެރުވި މަންޒަރު "ވަގުތު" ގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ. މަންޒަރު ދުށްމީހަކު ބުނިގޮތުގައި އަޑުބަރޭ ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، އޭނާއަށް ކޯޓު އަމުރު ދައްކާފައެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި އަޑުބަރޭ ހައްޔަރުކޮށްފައިވަނީ، ކްރިމިނަލް ކޯޓާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގާ، އިންޒާރުދިން މައްސަލައިގައެވެ. އެ މައްސަލަ ބަލައިދިނުމަށް ގާޒީ ބާރީ ވަނީ ފުލުސް އޮފީހަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
ބާރީ ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ މީހާ ފޮޓޯ ނަގާފައި ވަނީ"ކަލޭގެ ފޮޓޯ ނަގަން އެބަ ޖެހެއޭ، ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރުމެންނަށް އެނގެއޭ، ކަލޭމެން ހަދާ އެއްޗެއް ހަދާށޭ، ތިމަންނަ ކަލޭގެ ފޮޓޯ ނަގާނަމޭ" ބުނެ އެވެ.
ބާރީ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ނުރުހުމުގައި ބާރީގެ ފޮޓޯ ނަގައި އިންޒާރުދިން ކަމަށް ވިދާޅުވެ އެވެ. އެމީހާއާ މެދު ފިޔަވަޅު އެޅުއްވުމަށް ބާރީ ވަނީ އެދިވަޑައިގެންފައެވެ. އެ ފޮޓޯ ނަގާފައިވަނީ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ހުއްޓާ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ބާރީ ފޮނުއްވި ސިޓީގައެވެ އެވެ. އެ ހާދިސާ ހިނގާފައިވަނީ ހަވީރުގެ ވަގުތެއްގައި ކަމަށް އޭނާ ވަނީ ސިޓީގައި ވިދާޅުވެފައެވެ. ސިޓީގައި ވިދާޅުވީ އެ ފޮޓޯ ނަގާފައިވަނީ ސައިކަލެއްގައި ދިޔަ މީހެއް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަށް ގުޅިގެން، އިދިކޮޅު މައި ޕާޓީ ޑީއާރްޕީން ބޭއްވި މުޒާހަރާގައި ވެސް އަޑުބަރޭ ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން 2011 ވަނަ އަހަރުގެ މޭ މަހުގެ ކުރި  މުޒާހަރާއެއްގައި އަޑުބަރޭއަށް އަނިޔާވެ ލަންކާއަށް ގެންގޮސް ފަރުވާދީފައިވެއެވެ.
އަޑުބަރޭ އެންމެ ފުރަތަމަ ސިޔާސީ ދާއިރާއިން ހަރަކާތްތެރިކޮށް ފެންނަން ފެށީ، ޑީއާރްޕީގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރުމާއެކު އަޑުބަރޭ ވެސް ވަނީ އެ ޕާޓީއަށް ސޮއިކޮށް، އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް، މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު އެއްވުމުގެ ކުރީ ސަފުން ވެސް އަޑުބަރޭ ފެނިފައިވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް، ރާއްޖޭގެ ބައެއް ފުޓްބޯޅަ ކުޅުންތެރިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ އަދި މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ކުރި ބޮޑު މުޒާހަރާގައި ބީޖީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިއަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އަދި ހަމަ އެ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި ރާއްޖޭގެ އެންމެ އުއްމީދީ އެއް ކީޕަރު ކަމަށްވާ މުހައްމަދު ލަބާން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ލަބާން ހައްޔަރުކުރުމާ ގުޅިގެން އޭރު އޭނާ ކުޅެމުން އައި، އީގަލްސްއިން ވަނީ އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ވެސް އުވާލާފައެވެ. ކޮންޓްރެކްޓް އުވާލުމަށް ނިންމި ނިންމުމާ ގުޅިގެން އީގަލްސްއިން ބުނީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ކުރާ އަމަލުތަކުން ކްލަބާއި ކްލަބުގެ ކުޅުންތެރިން ބަދުނާމްވުމަކީ އެކްލަބުން ބަލައިގަންނާނެކަމެއް ނޫން ކަމަށާއި ކުޅުންތެރިއެއް ނަމަ، ދަނޑުން ބޭރުގައި ވެސް އަހުލާގީ މިންގަނޑު ހިފަހައްޓަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ