ގެއެއްގެ ދޮރޯށި ހަލާކުކޮށްލައި ދޮންކެޔޮގަނޑަކަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ދެމަސް ދުވަހަށް ޖަލަށް ލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މިޙުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަޙްމަދު ޢަލީ (27އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ވަނީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުން އެއްއަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް އައިސްފއެވެ.
ދޮންކެޔޮގަނޑަށް ގެއްލުން ދިން މައްސަލައިގައި އަޙްމަދު އަލީގެ މައްޗަށް ދައުލަތުން އުފުލީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާގައި ބުނަނީ 2009 ޖޫން 09 ވަނަ ދުވަހު އަޙްމަދު ޢަލީ އާއި އިތުރު މީހަކާދެމެދު ހިނގި ހަމަނުޖެހުމެއްގައި ގެއަކަށްވަދެ ޒުވާބުކުރާތީ އެގެއިން ނެރެ ދޮރޯށި ބަންދުކުރުމުން، އަޙްމަދު ޢަލީ އެދޮރޯށީގައި ތަޅައި، އެ ދޮރޯށީގެ ތިރީބަޔާއި، އެތާ ކައިރީގައި ބަހައްޓާފައިހުރި ދޮންކެޔޮގަނޑެއް ހަލާކުކޮށްލާފައިވާތީ އަޙްމަދު އަލީގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލާކަމަށެވެ.
މި ދައުވާ ރައްދުވާ އަޙްމަދު ޢަލީ ވަނީ މި ދައުވާ އަށް އިންކާރުކޮށްފައި ކަމަށާއި އެހެންކަމުން މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އަޙްމަދު ޢަލީގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް މީގެކުރިން ދެ ފަހަރެއްގެ މަތިން ސާބިތުވެ ރެކޯޑް ކުރެވިފައިވާކަން މި މައްސަލަ ބެލި ގަޒިއްޔާގައި ފާހަގަކުރައްވާފައި ވެއެވެ.
މި ދައުވާ ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހެކިބަހުގެ މައްޗަށް ބާރުދޭ ގުޅިފައިވާ ގަރީނާތަކުން މި ދައުވާ ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަޙްމަދު ޢަލީ 2 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާކަމަށް ވެސް މައްސަލަ ބެލި ގަޒިއްޔާގައި ވެއެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ މައްސަލައާ ގުޅިގެން އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނަނީ 2015 ސެޕްޓެމްބަރު 03 ވަނަ ދުވަހުގެ ރޭ އަޙްމަދު ޢަލީ މީހަކާ ޒުވާބުކޮށް މާރާމާރީ ހިންގާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ، ކުޑަކަމުދާތަކެތި ދިނުމަށް އޭނާއަށް ފުލުހުން އެންގުމުން، ކުޑަކަމުދާތަކެތި އެޅުމަށް ދިން ކަޕަށް ކުޅުޖަހާ ކުޑަކަމުދާތަކެތި ގަޑުބަޑުކޮށްފައިވާތީ، އަޙްމަދު ޢަލީގެ މައްޗަށް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ އުފުލާކަމަށެވެ.
ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އަހްމަދު އަލިއަށް އެންގިކަން ނޭނގޭ ކަމަށްބުނެ އަޙްމަދު ޢަލީ ވަނީ މި ދައުވާއަށްވެސް އިންކާރުކޮށްފައެވެ. އެހެންކަމުން، ދައުލަތުން ވަނީ މި ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި 3 ފުލުހަކާއި ގަރީނާއެއްގެ ގޮތުގައި ކުޑަކަމުދާތަކެތި ދިނުމަށް އަންގާ ފޯމު ހުށަހަޅާފައެވެ.
މި މައްސަލަ ބެލުމަށް ފަހު ކޮށްފައިވާ ހުކުމުގައި ބުނަނީ، އަޙްމަދު ޢަލީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ހެކިންގެ ހެކިބަހުން ސާބިތުވާތީ، ބުނެވިދިޔަ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި އުގޫބާތެއްގެ ގޮތުން 1 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ދޮންކެޔޮގަނޑަކަށް ގެއްލުން ދިން މީހަކު ޖަލަށް ލުމަށް ކުޅުދުއްފުށީ ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ