ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފިއެވެ.
ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން އިއްޔެ ވަނީ އެއީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމާފައެވެ.
ހައި ކޯޓުން ބުނީ ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ ގާނޫނުގައި ބުނާ 48 ގަޑިއިރުގެ ތެރޭގައި ކަމަށް ނުވާތީ، އެމައްސަލަ ބަލައިގަނެ ހިންގޭން ނެތް ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމްގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވީ، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގައި ކޯޓުން މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.
އެހެންކަމުން މައްސަލަ އިސްތިއުނާފްކޮށްފައި ވާނީ ސުޕްރީމް ކޯޓުގެ މި ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށް ވީހިނދު މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ބަލާފައިވަނީ ރަނގަޅަކަށް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެއިތުރުން، ޕީޖީ ވިދާޅުވީ އިސްތިއުނާފުގެ މައްސަލަތަކުގައި 48 ގަޑިއިރު، އަނެއްބައި މައްސަލަތަކުގައި 10 ދުވަސް އޮތްކަން، ގަވާއިދު ލިޔުއްވި، ސުޕްރީމް ކޯޓަށް ރަނގަޅަށް ފަހުމްވާނެ ކަމަށާއި، މިއީ އަތްދަށުން ގޮސްފައި އޮތް ކަމެއްކަމަކަށް ބެލޭކަށްވެސް ނެތް ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު އަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، މިމައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ހާއްސަ ސަބަބެއް އެ ގަޟިއްޔާގައި ލިޔުއްވާފައިނުވާތީ، މައްސަލަ ހާއްސަވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން މިއަދު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ކްރިމިނަލް ކޯޓުން މީގެކުރީންވެސް ދެފަހަރެއްގެ މަތީން އައްމަޓީ ދޫކޮށްލުމަށް ހުކުމްކޮށްފައިވާއިރު، ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.
ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ އައްމަޓީ މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ