ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫސިޓީއަށް ދެއްކި މަންޒަރުތައް އެ ސިޓީން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވްވައިދެއްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވަވަމުން މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު ސަލީމް ވިދާޅުވީ، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭގޮތަށް، އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، އައްޑޫ ސިޓީގެ ރިޒޯޓްތައް ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި އެ ތަންތަން ހުޅުވޭ ދުވަހެއް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އައްޑޫ ސިޓީއަށް ސީ ޕްލޭންގެ ހިދުމަތް ގެނައުމާއި ގަމުގައި 3 ހޮޓެލް އަދި، އައްޑޫ ސިޓީގައި 8،000 އެނދު ތަރައްގީ ކުރުމަކީވެސް ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި، ނަމަވެސް، މިއިން އެއްވެސް ކަމެއް މިސަރުކާރުން ނުކުރާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއް ސަރުކާރުން ބުނެދޭންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އައްޑޫގައި ވިލެޖެއް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ވިލެޖްގެ އެއްވެސް މަސައްކަތެއްވެސް އަދި ނުފެށޭ ކަމަށާއި މިކަންވެސް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ރިޔާސީ ބަޔާނަށް އިދިކޮޅު ފަރާތްތަކުން ފާޑުކީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ރައީސް އައްޑޫސިޓީއަށް ދެއްކި މަންޒަރުތައް އެ ސިޓީން ނުފެނޭ: މެމްބަރު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ