ކުޑަގިރީގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ނިންމާލައިފި

ސަރުކާރުން ތަރައްޤީކުރަމުންދާ ކުޑަގިރި ޕިކްނިކް އައިލެންޑުގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގައި ރައްޔިތުން ދަތުރުދާނެ ރަށެއް ނެތުމާއެކު، މި ސަރަޙައްދުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.
މި ވަޢުދާ އެއްގޮތަށް މާލެއިން 15 މިނެޓުން ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް ފެށީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ 8 ހެކްޓަރުގެ ޕިކްނިކް އައިލެންޑާ، 1.5 ހެކްޓަރުގެ ފިނޮޅެއް ތަަރައްޤީކުރުމެވެ. މިހާރު ބިން ހިއްކާ ނިމި، އެެރަށުގައި ދަނީ ޕިކްނިކް އައިލެންޑްގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ 5 ކުންފުނި ގުޅިގެން، މަސައްކަތްތައް ކުންފުނިތަކުގެ މެދުގައި ބަހާލައިގެންނެވެ. އެ ކުންފުނިތަކަކީ އެޗް.ޑީ.ސީ، އެމް.ޓީ.ސީ.ސީ، ފެނަކަ، ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީއެވެ. ބިން ހިއްކާ، ގޮނޑުދޮށް ޙިމާޔަތްކުރުމާއި ޖެޓީ އަދި މޫދަށް އެރޭ ބީޗް އޭރިއާތައް ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކުރީ އެޗްޑީސީންނެވެ. ރަށުގައި ހަދާ އެކަމަޑޭޝަން ބްލޮކްތަކާއި ޕިކްނިކް ފެސިލިޓީތައް ހަދަނީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ.
ފެނަކަ ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ، ރަށުގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ފެސިލިޓީތައް ޤާއިމުކޮށް ނެޓްވޯކް އެޅުމުގެ މަސައްކަތެވެ.
މީގެ ތެރެއިން ސްޓެލްކޯއާއި ޙަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކުޑަގިރީގައި ކަރަންޓުގެ ނެޓްވޯކް ޤާއިމުކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް ހަރުކޮށް އެރަށް ވަނީ ދިއްލާލާފައެވެ.
ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ޤާއިމުކުރުމަށްޓަކާ 3،000 މީޓަރުގެ ކޭބަލް ވަޅުލާފައިވެއެވެ. އަދި ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް ހަދަންޖެހޭ ހުރިހާ ކަނެކްޝަނެއް ހަދާ ނިމިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ކުޑަގިރީގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު، ސްޓެލްކޯއިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ރަށަށް ދަތުރު ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ކެފޭ އެޅުމުގެ މަސައްކަތެވެ.
މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. ކުޑަގިރި އާއްމުންނަށް ހުޅުވާލަންވާއިރަށް މި ކެފޭގެ މަސައްކަތް ނިންމާލުމަކީ އެކުންފުނީގެ އަމާޒެކެވެ.
ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ރަށަށް ދަތުރު ދާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ކޮށްލެވޭނެހެން ބޭނުންވާ އެކި ވަޞީލަތްތަކާއި ޚިދުމަތްތައް ޤާއިމުކޮށް، ރަށް ފެހިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ މިކަމުގައި ހަރަކާތްތެރިވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގުޅިގެން ވަރަށް ޖޯޝާއި ފޯރީގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މި ރަށް އާއްމުންނަށް ހުޅުވާލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ