ނަޝީދުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ހުޅުމާލޭ ކޯޓުން ނިންމި އިޖްރާއީ ނިންމުންތަކަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އިޖްރާއީ ތިން ނުކުތާއެކެވެ. އެއީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއަކާއި އެ ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެއްގެ އިތުރުން އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ނުބޭއްވޭނެ ކަމަށް ހުށަހެޅި ނުކުތާއެކެވެ. އެ މައްސަލަ ހައި ކޯޓުގައި އޮއްވާ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުކުމްކޮށްފަ އެވެ. ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފައިވަނީ ހުޅުމާލޭ ކޯޓުގެ އެ ނިންމުންތަކަށް ތާއީދުކޮށެވެ. ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ނަޝީދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން އެ ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓަށް ބަލައިގަތުމާމެދު މިހާތަނަށް އަދި ގޮތެއް ނުނިންމަ އެވެ. އެކަން ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި މިއަދު ހަވީރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ނަޝީދު އަދިވެސް ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މިދިޔަ ބުރާސްފަތި ދުވަހު ވެސް ނަޝީދުގެ ފަރާތުން މަސައްކަތް ކުރި އެވެ. ނަމަވެސް ހަތް ފަނޑިޔާރުންނަށް ބައެއް ލިޔުންތަކުގެ ހަތް ކޮޕީ ނެތްކަމަށް ބުނެ އެދުވަހު އެ މައްސަލައިގެ ލިޔުންތައް އެ ކޯޓުން ވަނީ ބަލައިނުގެންފަ އެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ހުޅުމާލޭ ކޯޓުގައި ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމެއް ނަޝީދަށް އަތުވެއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ގެއްލޭނެ އެވެ. އެ މައްސަލައިގައި ނަޝީދާ އެކު ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް )ރިޓަޔާޑް( މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް )ރިޓަޔާޑް( އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ