ލިޔުންތައް ލިބުމުން ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ގޮވާލާނަން: ފުއާދު

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން އައި މުހައްމަދު މުސްތޮފާ (ތިމަރަފުށީ މުސްތޮފާ) އަށް މިއަދުން ފެށިގެން އެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެ ހުކުމާއި ގުޅޭ ލިޔުންތައް ކޮމިޝަނަށް ލިބުނުހާ އަވަހަކަށް ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން އިއުލާން ކުރާނެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންސް ގެ ރައީސް ފުއާދފު ތައުފީގު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މެންބަރުކަމުން ވަކިވެއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިނަމަވެސް އެކަމާއި ބެހޭ ލިޔެކިޔުންތައް އަދި އެ ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ގާނޫނުވައިވާ ގޮތުގެ މަތީން ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ގާނޫނު ބުނާ މުއްދަތު ހަމަވުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށާއި ލިޔެކިޔުންތައް ލިބުމުން ބައި އިލެކްޝަނަށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ގާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ ފަސް ދުވަހުގެތެރޭގައި ބައި އިލެކްޝަން އިއުލާން ކުރަންޖެހެ އެވެ. އަދި 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ ނިންމަން ޖެހެ އެވެ. ތިމަރަފުށީ މުސްތޮފާ ތަމްސީލް ކުރައްވެވި ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވުމުން މިއީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ހުސްވެ ބައި އިލެކްޝަނަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މި ހުސްވި ގޮނޑިއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރި އިރު މައްސަލަތައް ބޮޑުވެ އެ ދާއިރާގެ އިންތިހާބާބޭހޭ ޝަރީއަތް ހިންގައި ވޯޓް ކެންސަލް ކުރުމަށްފަހު އަލުން ވޯޓްލި ގޮނޑިއެކެވެ. ތިމަރަފުށީ ދާއިރާގެ ގޮނޑި މަޝްހޫރުވެފައި ވަނި މަޖިލީހުގެ "ރަންގޮނޑީ"ގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުން މުސްތޮފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކުރީ މުސްތަފާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާކަން ޝަރީއަތަށް ސާބިތުވެގެނެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިއްވި ހުކުމުގައި ބުނަނީ ރާއްޖޭގައި ކުރިން ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަލްއިން ނެގި ލޯނުގެތެރެއިން އެ ބޭންކް އުވިގެން ދިޔައިރު ނުދައްކާ އޮތް 31،231.66 ޑޮލަރު (4،013،26.83ރ.) ދެއްކުމަށް މަދަނީ ކޯޓުން 26 އޮގަސްޓް 1997 ގައި ހުކުމް ކޮށްފައި ވަނީ މުސްތަފާގެ މައްޗަށް ކަމަށް އޮޅުމެއް ނެތް ގޮތުގައި އެނގޭކަމަށެވެ.
މުސްތޮފާގެ ސާބިތު ދަރަންޏެއް އޮތް ކަމަށާއި އޭނާ ތަމްސީލް ކުރައްވާ ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ދައުވާ ކޮށްފައި ވަނީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް ހ. ދޮންޖޭމުގޭ އުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ