އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ގެމްބިއާވެސް ވަކިވެއްޖެ

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން ވަކިވުމަށް ގެމްބިއާވެސް ނިންމައި އެކަން އިޢްލާން ކޮށްފިއެވެ.
ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް ދުނިޔޭގެ ގިނަ ގައުމުތައް ބައިވެރިގެން އެކުލަވާލި މުއާހަދާއެއްގެ ދަށުން އުފައްދައި ނެދަރލޭންޑްސްގެ ހޭގްގައި ގާއިމް ކޮށްފައިވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަކިވާން ގެމްބިއާއިން ނިންމީ، އެކޯޓުން ހަމައެކަނި ކުރާ ކަމަކީ އެފްރިކާގެ މީހުންގެ މައްޗަށް ޝަރީއަތް ކުރުން ކަމަށް ބުނެއެވެ.
އައި.ސީ.ސީން ވަކިވާން ގެމްބިއާއިން ނިންމިއިރު، އެކޯޓުން ވަކިވުމަށް މިމަހުގެ ތެރޭގައި ދެކުނު އެފްރިކާއާއި ބުރުންޑީއިންވެސް ވަނީ ނިންމާފައެވެ.
އައި.ސީ.ސީން ވަކިވުމަށް ގެމްބިއާއިން ނިންމައި އެކަން އިޢްލާން ކުރިއިރު އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރަކަށް ހުންނެވީވެސް ގެމްބިއާގެ ބޭފުޅެކެވެ. އެއީ ގެމްބިއާގެ ކުރީގެ ޖަސްޓިސް މިނިސްޓަރ އަދި ގާނޫނީ ވަކީލު ފަތޫ ބެންސޫދާއެވެ.
ގެމްބިއާގެ ގައުމީ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އެގައުމުގެ އިންފޮމޭޝަން މިނިސްޓަރ ޝަރީފް ބޮޖަންގ ވިދާޅުވީ، އައި.ސީ.ސީން ޝަރީއަތް ހިންގުމުގައި އަމާޒު ހިފާފައި ހުންނަނީ އެފްރިކާގެ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށާއި ޚާއްސަކޮށް އެފްރިކާގެ ވެރިންނަށް ކަމަށެވެ. އެނޫންބައެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް ނޫންކަމަށެވެ.
މިސާލެއްގެގޮތުން އޭނާ ނެންގެވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ މައްސަލައެވެ. އިރާގު ހަނގުރާމައާ ގުޅިގެން ބްލެއަރގެ މައްޗަށް އައި.ސީ.ސީއަށް ހުށަހެޅުނު ނަމަވެސް، އެ މައްސަލަ ނުބެލުމަށް ކޯޓުން ނިންމި ނިންމުން ގެމްބިއާ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"އައި.ސީ.ސީ އުފެއްދިފަހުން، ދުނިޔޭގެ މިނިވަން ދައުލަތްތަކާއި އެދައުލަތްތަކުގެ ރައްޔިތުންނާ ދެކޮޅަށް ހުޅަނގުގެ ގާތްގަނޑަކަށް 30 ހަކަށް ގައުމުން އިންސާނިއްޔަތާ ޚިލާފް ހަނގުރާމައިގެ ބޮޑެތި އެތައް ޖަރީމާތައް ހިންގާފައިވޭ. ނަމަވެސް އެ ގައުމުތަކުގެ ހަނގުރާމައިގެ އެންމެ މުޖުރިމަކާ ދެކޮޅަށްވެސް ޝަރީއަތް ހިންގާފައެއް ނުވޭ. އެހެން ވީމާ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓޭ ކިޔަސް ހަގީގަތުގައި އެއީ، އެފްރިކާ މީހުން ކަޅުވީމާ އެމީހުންނަށް ފުރައްސާރަކުރަން އުފައްދާފައިވާ ކޯޓެކޭ ބުނެވިދާނެ" ގެމްބިއާގެ އިންފޮމޭޝަން މިނިސްޓަރ ޝަރީފް ބޮޖަންގ ވިދާޅުވިއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް އުފައްދާފައިވަނީ 2002 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ