ގެވެށި އަނިޔާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އިސާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕަބްލިކް ޕްރޮސިކިއުޓަރ، އަހްމަދު ޝަފީއު ވިދާޅުވީ، މެމްބަރު އީސަގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އީސަގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކުރެވެމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައިކަމަށްބުނެ އީސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންވެސް އިސްތިއުފާދެއްވާފައެވެ.
އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާވެސް ހޯއްދެވުމަށްފަހު މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. އަސްރާއަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ.
އެހެންނަމަވެސް އަސްރާ ވަނީ އެމައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލައިގައި ޖިނާއީ ކުށުގެ ބައެއް ކަންތައްތައް ހުރުމުން ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އީސަގެ މައްޗަށް ތުހުމަތުކޮށްފައިވާ މި މައްސަލައާއި ގުޅިގެން އީސަ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މެމްބަރު އީސަގެ މައްޗަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ