ފައިސާ ޗާޕްކޮށް ބަހާ ކަމަށް ހުށަހެޅި ބަލައެއް ނުގަތް

ފައިސާ ޗާޕްކޮށް ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ފައިސާ ބަހަމުން ގެންދާ ކަމަށް ބުނެ އެކަން ހުއްޓާލަން ގޮވާލައި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.
ލަތީފް ހުށަހެޅި މައްސަލަ ފެނޭތޯ ބަލަން މިއަދު މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުގައި ފެންނަ ކަމަަށް ވޯޓު ދެއްވީ ފަސް މެމްބަރުން ނެވެ. ނުފެންނަ ކަމަަށް 29 މެމްބަރުން ވޯޓު ދެއްވި އެވެ.
ކުއްލި އެ މައްސަލަ ހުށަހަޅުއްވަމުން ލަތީފް މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައި ނުގަނެވި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވެއެވެ. އެކަމަކު ފެންނަމުން ދަނީ ސަރުކާރުން ފައިސާ ޗާޕްކޮށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހާ ތަނެވެ. އެކަން ކުރަމުން ގެންދަނީ ކޯޓުގެ ހުކުމެއް ނެތި އަދި ކޯޓުން ބޭރުގައި ހަދާ ސެޓެލްމަންޓް އެގްރީމަންޓްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަން އެހެން އޮތް އިރު އާންމު އެތައް ރައްޔިތެއްގެ ވަޒީފާއާ ގެދޮރު ގެއްލި މަސްވެރިން ބާނާ މަސް ނުކުރި ހަމަ އަގު ވެސް ނުލިބި އާއިލާތައް ނިކަމެތިވަމުންދާ ކަން ލަތީފް ވިދާޅުވި އެވެ.
ލަތީފްގެ ނަޒަރުގައި ފައިސާ ހަރަދު ކުރަން ޖެހޭނީ ގައުމުގެ ތަރައްގީގެ ކަންތައްތައް ކުރި އަރުވައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަަނގަޅު ކުުރާށެވެ.
ފައިސާ ޗާޕްކުުރުން ހުއްޓުވަން ކުއްލި މަައްސަލައެއް ލަތީފް މިއަދު ހުށަހެޅުއްވި އިރު ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށް ފައިސާ ޗާޕް ކުުރުުމުގެ ހުއްދަ ދޭން މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރުހުން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ