މިއީ އިންޑިއާއަށް ވަރަށް ދަތި ވަގުތެއް: ރައީސް ނަޝީދު

މިވަގުތު އިންޑިއާއިން ތަޙައްމަލުކުރަމުންދާ ދަތިވަގުތުގައި އެޤައުމުގެ ރައްޔިތުންނާއި އެކުގައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގައި ގޯސްވަމުންދާ ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން މިވަގުތު ތަޙައްމަލުކުރަމުންދާ ދަތިކަމުގައި، އެމަނިކުފާނުގެ ހެޔޮއެދުންތައް އިންޑިއާގެ ރައްޔިތުންނާއި އެކުގައިވާކަމަށެވެ. އަދި މި ނުރައްކާތެރި ވައިރަހަކީ އެެއްވެސް ރަޙުމެއް ނެތް ވައިރަހެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދުރުނޫން މުސްތަޤުބަލެއްގައި ދުނިޔެއިން ވެކްސިން ޖަހައި މި އާލަމީ ވަބާއިން މިންޖުވާ ދުވަހެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގައި ކުއްލިގޮތަކަށް ވަނީ ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިކަމުގެ ސަބަބުން އެޤައުމުގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާއިރު، އޮކްސިޖަނާއި ބަލީމިހުންނަށް ބޭނުންވާ ފަރުވާތައް އެންމެ އެކަށީގެންވާ މިންވަރަށް ނުލިބޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ