އިންތި އަހުމަދު އަފީފަށް: ތިޔަ ކުރެއްވި ކަމަކީ އިބުރާގެ ޓްވީޓްތައް ތަފްސީލްކޮށްދިނުން

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ލީގަލް ކަންސެލް އަހްމަދު އަބްދުﷲ އަފީފު ރޭ ކުރެެއްވި ކަމަކީ، ދާދި ފަހުން ދައުލަތުން 15 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވި މަންދު ކޮލެޖްގެގެ ވެރިޔާ އިބްރާޙިމް އިސްމާއިލް (އިބްރާ) ދިފާއުކުރުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ. ރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯކަސް ކުރި މައިގަނޑުކަމަކީ ސަރުކާރުން ކުންފުނިތަކަށް ބަދަލު ދިނުމުގެ ގުޅޭގޮތުން މައުލޫމާތު ދިނުމެވެ. އެކަންކަމުގެ މައުލޫމާތު ދެއްވުމަށް އިންނެވީ، ކޯޓުގައި މަންދު ތަމްސީލު ކުރި ލޯ ފާމުގެ އެއް ހިއްސާދާރު އަދި އިބުރާގެ ޅިޔަނު އަހުމަދެވެ. އަހުމަދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނންމާފައި ނުވާތީ، އިންސާފުވެރިކަމާ އެކު ބަދަލު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ. އަހުމަދުގެ އެ ވާހަތަކަތަކަށް ރައްދުދެއްވަމުން އެ ބިލް ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. "ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް [އަހުމަދު] ކޮމިޓީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުން އަޅުގަނޑަށް ދޭހަވީ، މަންދު ކޮލެޖްގެ ވެރިޔާ [އިބްރާ] ކުރެއްވި ޓްވީޓްތައް ތަފްސީލުކޮށްދެވީ،" ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އަހުމަދަށް ރައްދު ދެއްވައި އިންތި ވިދާޅުވި އެވެ. ޖުޑީޝަރީ ކޮމިޓީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން އެއްބަސްވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރުން އަމާޒުވި އެވެ. އެއާއެކު އިބްރާ ވަނީ އެ ނިންމުން ދިފާއުކުރައްވާ ޓްވީޓާގައި ވަރަށް ބޮޑަށް އަޑު އުފުލާފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ހުޅުވާލުމުގެ ކުރިން، ސަރުކާރުން ބަދަލު ދިނުމުމުގައި ގެންގުޅޭ ސިޔާސަތުތައް އަފީފު ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވިއެވެ. އަދި އެއީ އިންސާފު ގައިމްކުރުމަކީ މިސަރުކާރުންގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވައުދުގެ ތެރެއިން މީގެ ކުރިން ގަވައިދާ ހިލާފަށް އެކި ސަބަބުތަކާ ހުރެ އުވާލި އެއްބަސްވުންތަކައް ބަދަލު ދޭން ޖެހޭ ކަމާއި އެ ހުރިހާ ތަފްސީލެއް އޭނާ ހާމަ ކުރެއްވި އެވެ. އެހެން ނަމަވެސް ވަކިވަކި ކުންފުނިތަކަށް ބަދަލު ދިނުމަށް ނިންމި ނިންމުންތަކާ ގުޅިގެން އޭނާ ވާހަކަ ދައްކާފައިނުވެ އެވެ. އިންތި ވިދާޅުވީ، އަހްމަދު ރޭ ދެއްކި ވާހަކަ އެންމެ ބޮޑަށް މިދުވަސްވަރު ރައްދު ވަނީ މަންދަށް ދިން ބަދަލާ ގުޅޭ ގޮތުން ކަމަށެވެ. އަދި މަންދުގެ ވެރިޔާ، އިބްރާ ވަރަށް ގިނައިން އެ ބަދަލު ދިން ގޮތާ ގުޅިގެން ސަރުކާރުން އެކަން ސާފުކޮށްދިނުމަށް ޓްވީޓްކުރައްވާފައިވެސްވާ ކަމަށް އިންތި ވިދާޅުވި އެވެ. "މަންދު ކޮލެޖްގެ ވެރިޔާ [އިބްރާ] ވަރަށް ގިނަ ފަހަރު ޓްވީޓް ކުރައްވާފައިވޭ ސަރުކާރުން މިކަމާ ދެން ބަސްކޮޅެއް ވިދާޅުވާންވީ ނޫންތޯއޭ ބަދަލު ދިން ގޮތް ސާފުކޮށްދޭން. އެއާ ވިދިގެން ސަރުކާރުގެ ލިގަލް ކައުންސެލް ޕްރެސްއާ ބައްދަލުކުރައްވާ މި ދެއްކެވީ މިވާހަކަ [ބަދަލު ދިނުމާ ގުޅޭ ވާހަކަ]،" އިންތި ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް މަންދު ކޮލެޖްްގެ މައްސަލައިގައި އަހްމަދުގެ މަސްލަހަތު ހިމެނޭކަން އިންތިވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ. "އެހެންވީމަ އަޅުގަނޑުމެން ސުވާލު އުފެދެނީ އެހެން ބައެއްގެ ބޮލުގައި އެޅުމަށް އެހާ ޝައުގުވެރިކަމާއެކު އެ ޕްރެސްކޮންފަރެންސްގައި މަސައްކަތް ކުރެއްވީ ކީއްވެގެންކަން.އިންޓަގްރިޓީއާމެދު އެހެންވީމަ ސުވާލު އުފައްދަން އެ ވާހަކަ ދެއްކި ބޭފުޅާގެ [އަހްމަދުގެ]" އިންތި ވިދާޅުވި އެވެ. އިންތި ވިދާޅު ވިގޮތުގައި އިންސާފު ގާއިމްވުން ލަސްވަނީ މަޖިލީހުގެ މަސައްކަތް ލަސްވެގެން ނޫނެވެ. އެއީ ސަރުކާރުގެ ލަސްކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. https://twitter.com/sunbrk/status/1389138975609208833 މަންދުގެ އެއްވެސް ނިންމުމެއްގައި ބައިވެރި ނުވަން: އަހުމަދު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސެލް އަހްމަދު އަބްދުﷲ އަފީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ހުޅުވާލުމުން، މަންދަށް ބަދަލުދޭން ނިންމިގޮތުގެ ތަފްސީލާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެ ސުވާލުތަކަށް އޭނާ ޖަވާބު ނުދެއްވަ އެވެ. ވިދާޅުވީ، މިއަދު އެކަމާ ގުޅޭ ގޮތުން ބަންޑާރަނައިބު އޮފީހުން ތަފްސީލީ ބަޔާނެއް ނެރުއްވާނެ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލައިގައި އަހުމަދުގެ މަސްލަހަތު ހިމެނޭތީ، އެކަމާ ގުޅޭ ގޮތުންވެސް އޭނާއާ ސުވާލު ކުރި އެވެ. މަސްލަހަތު އޮތްކަމަށް އަހުމަދު އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ، މަސްލަހަތު ފުށުއަރާތީ، އެމައްސަލައިގައި ސަރުކާރުން ނިންމި އެއްވެސް ނިންމުމެއްގައި ބައިވެރިވެސް ނުވާ ކަމަށެވެ. ބަދަލު ދިނުމާ ގުޅޭ ގޮތުން މި ސަރުކާރުން އެކުލާވާލި ސެޓެލްމަންޓް ކޮމިޓީގައިވެސް އިންނަވާ އަހުމަދު ވިދާޅުވީ، އެ ކުންފުންނީގެ މައްސަލަ ކުރިއަށް ދިޔަ އެއްވެސް ދުވަހެއްގައި، ކޮމިޓީގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. "މަސްލަހަތު ފުށުއަރާނެކަން އެނގޭތީ، މަސްލަހަތު ފުށުއަރާނެ މީހަކު އެ ކަހަލަ ތަނެއްގައި ހުންނަ ކަމަށް ވަންޏާ އުޅެން ޖެހޭ ގޮތަށް އުޅުނީ. އެގޮތަށް އަޅުގަނޑު އަމަލު ކޮށްފައި ވާނެ،" އޭނާ ވިދާޅުވި އެވެ. ކުރީގެ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގުމަށް ވީ އެއްބަސްވުން، ކުރީ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން އެއްބަސްވީ އެ މައްސަލައިގައި ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ޑިސްޕިއުޓް މަރުހަލާގަ އެވެ. އެއާއެކު އެއް މަސް ދުވަސް ތެރޭ 15 މިލިއަން ދޭން ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. ދައުލަތުން އެގޮތަށް އެއްބަސްވި އިރު، އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އެދިގެން އޮޑިޓް އޮފީހުން ހެދި އެސެސްމަންޓުން ދައްކާ ގޮތުން މަންދަށް އެންމެ ގިނަވެގެންވެސް ދެވޭނީ 1.5 މިލިއަން ރުފިޔާ އެވެ. އެހެން ނަަމަވެސް މިއަދު ބަންޑާރަނައިބު އޮފީހުން ނެރުނު ބަޔާނުގައި ބުނީ، 15 މިލިއަން ރުފިޔާ ދޭން އެއްބަސްވީ ރަނގަޅަށް ކަމަށް ބުނެ ސަރުކާރުގެ ނިންމުން ދިފާއުކޮށްފަ އެވެ. އަދި އެއީ ދޭން ޖެހޭ ބަދަލެއް ކަމަށާއި އޮޑިޓް އޮފީހުގެ ލަފާ ގާނޫނީ ގޮތުން ތައާރުޒުވާ ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ