ފުލުހުންނަށް މުންދު ފޯނެއް ނުދެއްވި

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު (މުންދު)ގެ ފޯނު ދިނުމަށް ފުލުހުން އެދުމުން އެކަމަށް އޭނާ ދެކޮޅު ހައްދަވައިފިއެވެ.
މިއަދު ހަވީރު މުންދު ފުލުހަށް ހާޒިރުކޮށްފައިވަނީ ބޭރަށް ޞުކޫކު ވިއްކައިގެން ފައިސާ ހޯދުމުގެ މުއާމަލާތެއްގައި ދަރުމަވަންތަ ހޮސްޕިޓާ ބޭނުންކުރުމަށް ހޮސްޕިޓަލުގެ މިލްކިއްޔާތު ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީއެއް ޢާންމުކުރެއްވި ކަމުގެ ތުހުމަތުގައެވެ.
ތަހުގީގަށް ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ މައްސަލަ ތަހުގީގީ މައްސަލައަކަށް ބަދަލުވިކަން އެނގިވަޑައިގަތީ މިއަދު ފުލުސް އޮފީހަށް ވަޑައިގަތުމުން ކަމަށެވެ. އަދި މައްސަލާގައި ވަކީލެއްގެ އެހީ ހޯއްދެވުމަށް ފުރުޞަތު ދިނުމުން މިފަދަ މައްސަލައެއްގައި ވަކީލެއްގެ އެހީ ބޭނުންވެވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވި ކަމަށް މުންދު ވިދާޅުވިއެވެ.
ފުލުހުން ފޯނު ހޯދަން އެދުމުން، ފޯނު ދެއްވުމަށް އިންކާރުކުރެއްވި ސަބަބެއް ކަމުގައި މުންދު ވިދާޅުވީ ފޯނުގައި ޒާތީ މައުލޫމާތާއި، އިދިކޮޅު ކޯލިޝަނުން ކުރަމުންދާ ސިޔާސީ މަސައްކަތްތަކާ ގުޅޭ ސިއްރުތައްވެސް ހުންނާނެތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ