ރައީސް ޔާމީނަށް ދޭ ނުހައްގު އަނިޔާއަކުން އެމަނިކުފާނާއި ޕީޕީއެމްގެ ހިތްވަރު އެލުވައިނުލެވޭނެ: ޣައްސާން މައުމޫން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް ދޭ އަނިޔަކުން އެމަނިކުފާނު އަދި ޕީޕީއެމްގެ ހިތްވަރު އެލުވައިނުލެވޭނެ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އިއްވި 5 އަހަރު ދުވަހުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓާފައިވަނީ ބުރާސްފަތިދުވަހުއެވެ. އެ ހުކުމް ދަމަހައްޓާފައިވަނީ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގެ 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އެ މައްސަލައަށް އިޝާރާތްކުރައްވައި ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ދެވޭ ނުޙައްޤު އަނިޔާއަކުން އެމަނިކުފާނު އަދި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ ހިތްވަރު އެލުވައެއް ނުލެވޭނެ ކަމަށެވެ. އޭގެ އިތުރަށް ޣައްސާން ވިދާޅުވީ އެފަދަ އަނިޔާއަކުން އިދިކޮޅު ލީޑަރާއި ކޯލިޝަނުގެ ޢަޒުމެއް ގުޑުވައިނުލެވޭނެ ކަމަށެވެ.
ހަމައެހެންމެ ޣައްސާން ވިދާޅުވެފައިވަނީ މާތްﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ޖަލުން މިނިވަންކޮށް، ސަލާމަތްކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކޮށްދީ ވެރިކަމަށް އަލުން ގެންނަވާނެ ކަމަށެވެ.
ހައިކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅުން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާއިރު، ރައީސް ޔާމީނުގެ ވަކީލުންވަނީ ހައިކޯޓުގެ އެ ނިންމެވުން ވަރަށް އަވަހަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ