އެކްސިޑެންޓްގައި އަޑިޔަށްދިޔަ ޑިންގީގެ ބަޔަކާއި، އިންޖީނުގެ މަތިގަނޑު ހޯދައިފި

ބ. ދޮންފަނާއި، ހަނިފަރާއި ދެމެދު ދަތުރުކުރަމުންފިޔަ ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސްޑެންޓުގައި ގެއްލުނުމީހާ އަދިވެސް ނުފެންނަ ކަމަށާއި، ނަމަވެސް އެ އެކްސިޑެންޓާ ގުޅިގެން އަޑިއަށްދިޔަ ޑިންގީގެ ބައެއް، އެ ސަރަހައްދުން މިއަދު ޑައިވްކުރިއިރު ފެނިއްޖެ ކަމަށް ކޯސްޓްގާރޑުން ބުނެފިއެވެ.
ޑިންގީގެ ބައެއް ފެނުމުގެ އިތުރުން، އިންޖީނުގެ މަތިގަނޑުގެ ބައެއްވެސް ޑައިވަރުން ނަގާފައިވާ ކަމަށް ކޯސްޓްގާރޑުގެ މައުލޫމާތު ދީފައި ވެއެވެ.
ޑިންގީ ފެނިފައިވަނީ ދޮންފަނާއި، އެ ހިސާބުގައި އޮންނަ އަނގަފަރާ ދެމެދުން 40 މީޓަރު އަޑިން ކަމަށްވެސް ކޯސްޓްގާރޑުން ބުނެފައި ވެއެވެ.
ލޯންޗާއި ޑިންގީޖެހުމުގެ މި އެކްސިޑެންޓް ހިނގާފައިވަނީ މި ޖެނުއަރީމަހުގެ 2 ވީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
އެ އެކްސިޑެންޓާ ގުޅިގެން ޑިންގީވެސް ކަނޑުގެ އަޑިއަށް ދިޔައެވެ. މިއަދުގެ ހެނދުނާ ހަމައަށްވެސް ކޯސްޓްގާރޑުން ދިޔައީ ޑިންގީގެ ހަބަރެއްވެސް ނުވާ ކަމަށް ބުނަމުންނެވެ.
އަޑިއަށްދިޔަ ޑިންގީގެ ބަޔަކާއި، އިންޖީނުގެ މަތިގަނޑުގެ ބައެއް، ކޯސްޓްގާރޑުގެ ޑައިވަރުން މިއަދު ހޯދިއިރު، މި އެކްސިޑެންޓާ ގުޅިގެން ކަނޑަށްވެއްޓި ގެއްލިގެން ހޯދަމުންދާ މީހާގެ އެއްވެސް ހަބަރެއް އަދި ނުވާކަމަށް ކޯސްޓްގާރޑުން މިއަދުވެސް ހާމަކޮށްފައި ވެއެވެ.
ގެއްލިގެން ހޯދަމުންދަނީ ބ.އޭދަފުށީ މުޝްތަރީގޭ، އުމުރުން 41 އަހަރުގެ ނަސްރުއްﷲ ޢަބްދުﷲ އެވެ.
ނަސްރުއްﷲ ޢަބްދުﷲ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، ކޯސްޓްގާރޑްގެ ޑައިވަރުން މިއަދުވެސް އެ ސަރަހައްދަސް ފީނަމުންދާ ކަމަށް ކޯސްޓްގާރޑުން ބުނެފައި ވެއެވެ. އަދި ކޯސްޓްގާރޑްގެ ލޯންޗަކުން އެ ސަރަހައްދުގެ ކަނޑުމަތި ބަލަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ގެއްލުނުމީހާ އާއި، ޑިންގީ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ކަނޑު އަޑި ބެލުމާއި، ކަނޑުމަތި ބެލުމާއި، ވައިގެ މަގުން ވެސް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.
ގެއްލުނުމީހާ އާއި އޭނާ ދަތުރުކުރި ޑިންގީ ހޯދުމަށް ކޯސްޓްގާރޑުގެ ޑައިވަރުންގެ އިތުރުން، ޑައިވިން ރޮބޮޓްވެސް ބޭނުންކޮށްގެން ހުއްޓުމެއްނެތި އެ ސަރަހައްދު ބަލައި ފާސްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ